ޚަބަރު

ކަނޑުތައް ރައްކާތެރި ކުރުމަށް އިސްނަންގަވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި


ކަނޑުތައް ރައްކާތެރި ކުރުމަށް އިސްނަންގަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ދެއްވައިފިއެވެ.

މި ޔަޤީންކަން ރައީސް ޞާލިޙު ދެއްވާފައިވަނީ ޕާރލޭ ފޯ ދަ އޯޝަންގެ ސީ.އީ.އޯ އަދި އެ ކުންފުނީގެ ބާނީ ސައިރިލް ގަޓްޗާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި ރައީސް ޞާލިޙު ވަނީ ޕާރލޭ ފޯ ދަ އޯޝަންގެ ފަރާތުން ކުރަމުން ގެންދާ މަސައްކަތްތަކަށް ތަޢުރީފު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ސައިރިލް ގަޓްޗް ވަނީ ޕާރލޭ ފޯ ދަ އޯޝަންގެ ތަޢާރަފެއްއަރުވައި، އެކުންފުނީގެ މަސައްކަތްތައް ހިއްސާކުރައްވައި އެކުންފުނިން ދުނިޔޭގެ ކަނޑުތަކަށް ހުރި ނުރައްކާތައް ބަލަމުންދާގޮތް ހުށަހަޅުއްވައިފައެވެ.

ސައިރިލް ގަޓްޗް ވަނީ އޭނާ ދިވެހިރާއްޖެއާ މެދު އުންމީދުކުރައްވާ ގޮތް ހާމަކުރައްވާފައެވެ. އެގޮތުން ރާއްޖެއަކީ ބައިނަލްއަޤުވާމީ މަޝްރަހުގައި މޫސުމަށް އަންނަ ބަދަލުތައް ފަދަ ކަންތައްތަކުން ދިމާވާ ގޮންޖެހުންތަކުން ރައްކާތެރިވުމަށް ކުދި ޤައުމުތައް ކުރިއެރުވުމަށް ބާރަކަށް ވެވިދާނެ ފަދަ ޤާބިލުކަންހުރި ޤައުމެއްކަމުގައި ގަޓްޗް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މި ބައްދަލުކޮށްލެއްވުމުގައި ގަޓްޗް ވަނީ އެބޭފުޅުންގެ މައިގަނޑު މަޤްޞަދުކަމުގައިވާ ޕްލާސްޓިކުން ކަނޑުތައް ރައްކާތެރިކުރުމުގެ ސިޔާސަތު ކަމުގައިވާ 'އެއަރ ސްޓްރެޓަޖީ' އާއިބެހޭ ތަފްޞީލު ރައީސުލްޖުމްހޫރިއްޔާއަށް ދެއްވައިފައެވެ.