ޚަބަރު

ޕީއެންސީން ހުށަހެޅި ފޯމްތައް ބާތިލްކޮށް، ރަޖިސްޓްރީކޮށް ނުދެނީ ޒާތީވެގެން - އަބްދުއްރަހީމް


ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އިސްވެ ހުންނަވައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް ހުށަހެޅި ފޯމްތައް ޞައްހަ ނޫން ކަމަށް ނިންމާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އެފަރާތައް ނުދެނީ ޒާތީ ކަމެއްގެ ސަބަބުން ކަމަށް ޕީއެންސީގެ މުއައްސިސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނާމެދު ކަންބޮޑުވުން ހުރިކަން ހާމަކޮށް ޕީއެންސީއާއި ޕީޕީއެމް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ޕީއެންސީ ރަޖިސްޓްރީކޮށް ނުދީ ވަކި ގޮތަކަށް އަމަލުކުރަމުން ދަނީ ޒާތީ ގޮތުން ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީ އުފެއްދުމަށް ހުށަހެޅި މެމްބަރޝިޕް ފޯމްތައް އީސީން ކެންސަލްކުރި މައްސަލަ އޮޅުން ފިލުވުމަށް އީސީގެ މެމްބަރު އިސްމާއިލް ހަބީބަށް ގުޅުމުން ޕީއެންސީގެ ފޯމްތައް ޞައްހަނޫން ކަމަށް ނިންމީ ޕީއެންސީއާމެދު "ޒާތީ" މައްސަލައެއް އޮވެގެންކަމަށް ހަބީބު ވިދާޅުވެފައިވާ ކަމަށެވެ. އަދި އީސީން ޒާތީވެފައި ވަނީ ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ނަތީޖާއަށްފަހު އެފަރާތުން ގެންގުޅުނު އުސޫލުތަކުގެ ސަބަބުން ކަމަށެވެ.

"ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި މިއަދު އިލެކްޝަން ކޮމިޝަންގެ މެމްބަރު ހަބީބު އަޅުގަނޑު ގާތުގައި ވިދާޅުވި. މިހެން މިހެން ވެގެންނޭ. އެހެން ވީމަ އެއީ ޒާތީވީ. އެއީ ނިމިދިޔަ ރިޔާސީ އިންތިހާބާ ގުޅިގެން އެބޭފުޅުންނާ ދޭތެރޭ އަޅުގަނޑުމެން ކުރި ތުހުމަތުތަކުގެ ސަބަބުން ކަމަށް މި ޕާޓީއާ ދޭތެރޭ މިގޮތަށް ކަންތައްތައް އެ ކުރައްވަނީ." އަބުދުއްރަހީމް ވިދާޅުވިއެވެ.

ޕީއެންސީގެ މެމްބަރޝިޕް ފޯމްތައް ޞައްހަ ނޫން ކަމަށް ނިންމުމާ ގުޅިގެން ނުރުހުން ފާޅުކުރައްވައި އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީ ރަޖިސްޓްރީ ކުރުމަށް މި މަހުގެ 9 ވަނަ ދުވަހު 4000 ފޯމް ހުށަހެޅި ފަހުން ގިނަ ދުވަސްތަކެއް ވެގެން ދިޔައިރުވެސް އެކަމުގައި ދިގު ދަންމަމުން ގެންދާ ކަމަށެވެ. އެގޮތުން 4000 ފޯމް ހުށަހެޅިއިރު، އޭގެ ތެރެއިން އީސީއަށް ޞައްހަ ކަމަށް ނިންމުނީ އެންމެ 1945 ފޯމް ކަމަށާއި އެއާއެކު ފޯމްތައް ޞައްހަ ނުވި ތަފްސީލު ދޭނެ ކަމަށް ބުނުމަށްފަހު އެ ތަފްސީލުވެސް ނުދެއްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އީސީގެ އެދުމުގެ މަތިން އާދީއްތަ ދުވަހު އަނެއްކާ ވެސް އިތުރު 1100 ފޯމް ހުށަހެޅި ކަމަށާއި، އެ ފޯމްތަކުގެ ތެރެއިން ވެސް ޞައްހަ ފޯމް ކަމަށް އީސީއަށް ނިންމުނީ އެންމެ 300 ފޯމް ކަމަށެވެ. އަދި މިހާތަނަށް ހުށަހެޅި 5000 ފޯމްގެ ތެރެއިން ސައްހަ ކަމަށް އީސީއަށް ނިންމުނީ އެންމެ 2300 ފޯމްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"5100 ފޯމް ހުށަހަޅައިގެން އަޅުގަނޑުމެންނަށް ސަލާމަތް ކުރެވުނީ އެންމެ 2300 ފޯމް. މިއީ ވަރަށް ކަންބޮޑުވާ މައްސަލައެއް. މީ ކުރިން ދުވަހަކުވެސް މިކަން ހިންގާފައި އޮތް ގޮތެއް ނޫން. ދާދި ފަހުން އެމްޓީޑީ އުފައްދަން ފޯމް ހުށަހެޅުއްވީ. ޖެހިގެން އައި ދުވަހު ހަމަ އެ ގަޑީގައި ވަނީ އެޕާޓީއަށް ހުއްދަ ދީފައި." އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީ މި މަހުގެ 26 ވަނަ ދުވަހުގެ ކުރިން ބާއްވާ ނިންމަންޖެހޭއިރު، ޕީއެންސީ ރެޖިސްޓަރ ކުރުން އީސީން ލަސްކުރަނީ ރައްޔިތުންގެ މަޖިލީހުގައި ވާދަކުރުމުގެ ފުރުސަތު އެ ޕާޓީއަށް ގެއްލުވާލުމަށް ކަމަށާއި އެކަމުގެ ސަބަބުން އެޕާޓީއަށް މަޖިލީހަށް ކުރިމަތިލުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި ނަމަވެސް އަމިއްލަ ގޮތުންވެސް މަޖިލީހަށް ވާދަ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.