ޚަބަރު

ޔޫތު މިނިސްޓްރީގެ މަސައްކަތްތައް ނާއިބު ރައީސް ބައްލަވާލައްވައިފި


ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް، މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓަށް މިއަދު ހެނދުނު ޒިޔާރަތްކުރައްވައި، އެތަނުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވައިލައްވައިފިއެވެ.

އެމަނިކުފާނުގެ މި ޒިޔާރަތުގައި މިނިސްޓްރީގެ އިސް ވެރިންނާއި ބައްދަލުކުރައްވައި މަސައްކަތްތައް ކުރިޔަށްގެންދިޔުމުގައި ދިމާވާ ގޮންޖެހުންތަކުގެ މަޢުލޫމާތު ވަނީ އޮޅުންފިލުއްވާފައެވެ.

ޒުވާނުންނާއި ކުޅިވަރާއި ބެހޭ މިނިސްޓްރީއަށް ނާއިބު ރައީސް ޒިޔާރަތްކުރައްވާފައިވާއިރު، އެ މިނިސްޓްރީން ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ޒުވާނުންނާއި ގޫޅުންހުރި މުހިންމު ކަންތައްތަކެއް ކުރުމަށް ކަނޑައަޅާފައެވެ. އެގޮތުން ކޮންމެ ހަފްތާއަކު "ހަފްތާ ރެސް" ކުރިއަށް ގެންދާއިރު، މާރޗް މަހުގެ ތެރޭގައި ޖަމިއްޔާތަކާއި ގުޅޭ ޚާއްޞަ ފޯރަމެއް ބޭއްވުމަށް އެ މިނިސްޓްރީން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ގެންދަނީ އެކި ވުޒާރާތަކަށް ޒިޔާރަތްކުރައްވާ އެތަންތަނުގެ ހާލަތު ބައްލަވާލައްވާ މަސައްކަތްތައް އޮޅުންފިލުއްވަމުންނެވެ.