ކުޅިވަރު

ރެއާލް މެޑްރިޑަށް ބަދަލުވާން ހަޒާޑް އެއްބަސްވެއްޖެ


ސްޕޭނުގެ މަޝްހޫރު ކުލަބު ރެއާލް މެޑްރިޑަށް ބަދަލުވާން ޗެލްސީގެ ބެލްޖިއަމް ކެޕްޓަން އެޑެން ހަޒާޑް އެއްބަސްވެއްޖެކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

ޔޫރަޕުގެ ޗެމްޕިއަން ޓީމަށް ކުޅުމަކީ ހަޒާޑް އަބަދުވެސް ދެކޭ ހުވަފެނެކެވެ. ނަމަވެސް މިކަން ނުވެގެން އުޅެނީ ޗެލްސީއާ އެކު ހަދާފައިވާ ކޮންޓްރެކްޓް ނުނިމެނީސް އެކުލަބުން އޭނާ ދޫކޮށްލަން ބޭނުންނުވާތީއެވެ.

ރިޕޯޓްތައް ބުނާގޮތުން ރެއާލްއާއެކު ހަޒާޑް އެއްބަސްވެފައިވަނީ އަހަރަކު 13 މިލިއަން ޔޫރޯގެ މުސާރައަކަށެވެ. މީގެ އިތުރުން ބޯނަސްގެ ގޮތުގައި 3.5 މިލިއަން ޔޫރޯގެ ބޯނަސްއެއްވެސް ލިބޭ ގޮތަށް ކޮންޓްރެކްޓް ވަނީ ފަރުމާކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ސްޕެނިޝް ލީގު ކާމިޔާބުކޮށްފިނަމަ ލިބޭ އެއް މިލިއަން ޔޫރޯ އާއި ބެލޮންޑީއޯ އެވޯޑް ހޯދައިފިނަމަ ލިބޭ އެއް މިލިއަން ޔޫރޯ އާއި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފިނަމަ ލިބޭ 1.5 މިލިއަން ޔޫރޯއެވެ.

ހަޒާޑް ރެއާލް އަށް ބަދަލުވާނީ ފަސް އަހަރުގެ ކޮންޓްރެކްޓެއްގައެވެ. އެކަމަކު އެއީ އަންނަ ޖޫން މަހު ފަށާ އާ ސީޒަނަށެވެ.
ރެއާލް މެޑްރިޑުން އަންނަނީ އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް ވަރަށް ބޮޑެތި ޕްލޭންތައް ރާވަމުންނެވެ. މީގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ކަމަކީ ޓީމަށް ގެންނަ ކުޅުންތެރިންނެވެ. މި ލިސްޓުގައި ހަޒާޑަކީ ވަރަށް މުހިންމު ކުޅުންތެރިއެކެވެ.