ޚަބަރު

ލާމަރުކަޒީ ޤާނޫނު އިޞްލާޙުކުރުމަށް ޢާންމުގެ ޚިޔާލަށް ހުޅުވާލައިފި


ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު އިޞްލާޙުކުރުމަށްޓަކައި ޢާންމުންގެ ޚިޔާލު ހޯދަންފަށައިފިއެވެ.

ލާމަރުކަޒީ ޤާނޫނަށް އިޞްލާޙު ގެނައުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ. އަދި ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ކުރުމަށްވެސް ކަނޑައަޅަފައިވާކަމެކެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް، ޤާނޫނުއަސާސީގެ އަށްވަނަ ބާބުގައި ބަޔާންކޮށްފައިވާ ލާމަރުކަޒީ އުޞޫލުން ހަރުދަނާ ގޮތެއްގައި ހިންގުމަށްޓަކައި، ކައުންސިލުތައް ބާރުވެރިކުރުވައި، އެޤާނޫނު އިޞްލާޙުކުރުމަށްޓަކައި އެކުލަވާލަންޖެހޭ ބިލު އެކުލަވާލުމުގައި، ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރުމުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމަކީ މުހިންމު ކަމެއް ކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ބުނެއެވެ. މިއަދުން ފެށިގެން އޮންލައިންކޮށް ޢާންމުގެ ޚިޔާލަށް ބަންޑާރަ ނާއިބުގެ އޮފީހުން ހުޅުވާލާފައިވަނީ އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު އިޞްލާޙުކުރުމަށްޓަކައި ސަރުކާރުގެ ވުޒާރާތަކާއި، މިނިވަން މުއައްސަސާތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި، ޢާންމު ބޭނުންތަކުގެ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކާއި، އެނޫންވެސް ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާކުރަމުން އަންނަކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ބުނެއެވެ. އަދި ސިޓީ ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކުން ހުށަހަޅުއްވަން ބޭނުންވާ ޚިޔާލުތައް ލިޔުމުން ހުށަހެޅުއްވުމަށްވެސް ފުރުޞަތު ހުޅުވާލާފައިވާކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން މަޢުލޫމާތުދެއެވެ.
މިކަމުގައި އޭޖީ އޮފީހުން ރަށްރަށް ދަތުރުކޮށް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ޖަމްޢިއްޔާތަކާއި، ޢާންމު ބައެއް ފަރާތްތަކާ ބައްދަލުކޮށް، ޚިޔާލު ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

ލާމަރުކަޒީ ޤާނޫނު އިޞްލާޙުކުރުމުގެ މިމަސައްކަތް ކުރިއަށްގެންދަނީ، ޔޫ.އެން.ޑީ.ޕީ.ގެ އެހީތެރިކަމާއެކު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީއާ ގުޅިގެންނެވެ.