ސިޔާސީ

އިބްތިހާލްގެ މަރުގެ މައްސަލަ ކޮމިޓީން ހުއްޓާލަނީ


ވ.ރަކީދޫގައި އިހާނެތި ގޮތަކަށް އަނިޔާކޮށް މަރާލާފަ އޮތްވާފެނުނު ތިން އަހަރުގެ ތުއްތު ކުއްޖާގެ މަރުގެ މައްސަލަ ދިރާސާ ކުރަމުންދާ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށް، ކަމާ ގުޅުންހުރި ދާއިރާތަކުން ހިއްސާކޮށްފައިވާ ސިއްރު ލިޔެކިއުންތައް ބައެއް މެމްބަރުން މީޑިއާއަށް ހާމަކޮށްފައިވާތީ، ދެން އެމައްސަލަ ކޮމިޓީގައި ކުރިއަށް ނުގެންދާނެ ކަމަށް ކޮމިޓީގެ މުގައްރިރު ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ.އެމްބީސީ ނިއުސްއާ ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވީ، ކޮމިޓީން ޚާއްސަ އިސްކަމެއްދީގެން ދިރާސާކުރަމުންދިޔަ އެމައްސަލައިގެ ސިއްރު ލިޔެކިއުންތައް، ކޮމިޓީގެ މެމްބަރަކު މީޑިއާއާ ހިއްސާކޮށްފައިވާތީ، އެކަމުގައި ދެން ބަލަންޖެހޭ އިތުރުކަމެއް އޮތްކަމަކަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.ރިޔާޒް ވިދާޅުވީ، ސަރުކާރުގެ އިދާރާތަކާއި، އެހެނިހެން މުއައްސަސާތަކުން ފޮނުވި ލިޔުންތައް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހުރިހާ މެމްބަރުންނަށްވެސް ފޮނުވާފައިވާނޭ ކަމަށެވެ.ރިޔާޒް ވިދާޅުވީ، ދާދިފަހުން ބޭއްވި އެމްޑީޕީގެ ނިއުސް ކޮންފަރެންސެއްގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ކޮމިޓީގެ ގަވާއިދާއި އުސޫލުތަކާއި ޚިލާފަށް މީޑިއާއަށް އެލިއުންތަށް ހާމަކޮށްފައިވާތީ، އެމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި މަޖިލީހަށް ހުށައަޅުއްވާނެ ކަމަށެވެ. ނަމަވެސް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ، ކޮމިޓީގެ މުގައްރިރު އެމައްސަލަ ކުރިއަށް ނުގެންދަވަން މަސައްކަތް ކުރާކަމަށާއި، ޕީޕީއެމްގެ މެޖޯރިޓީ އޮތުމުން އެކަމުގެ ފައިދާ ނަގަމުން ގެންދާކަމަށެވެ.މިމަހުގެ ބާރަވަނަދުވަހު ބޭއްވި ނިއުސްކޮންފަރެންސެއްގައި ރޮޒެއިނާ ވިދާޅުވީ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ޖެންޑާ މިނިސްޓްރީން އެކުލަވާލާ ހުށައެޅި ރިޕޯޓުގައި ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އަދި އެ މައްސަލައާ ގުޅޭގޮތުން ޖެންޑާ މިނިސްޓްރީންނާއި ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީން ފޮނުވި ރިޕޯޓުގައި ހަމަނުޖެހޭ ކަންތައްތަކެއް އެބަހުރިކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.