ޚަބަރު

ޕީއެންސީ އުފެއްދުމަށް އީސީން ހުރަސްއަޅާކަކަމަށްބުނެ މަޖިލީހުގެ ރައީސާ ބައްދަލުކޮށްފި


ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އިސްވެ އުފައްދަވާ "ޕީޕަލްސް ނޭޝަނަލް ކޮންގްރެސް" ޕާޓީ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން ހުރަސްއަޅާކަމަށް ބުނެ، އެކަމަށް ހައްލެއް ހޯދުމާގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި އިދިކޮޅު ފަރާތްތަކުން ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.

އިދިކޮޅު ޕީޕީއެމް މެންބަރުންނާއި އަލަށް އުފައްދާ ކޮންގްރެސް ޕާޓިއާއި ގުޅުނު މެންބަރުންނާއި އަދި އެމްޑީއޭގެ ބައެއް މެންބަފުންނާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމާ ބައްދަލުކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ.

މި ބައްދަލުވުމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާއި ވާހަކަ ދައްކަވަމުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލެ ދައިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވީ، މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމާ ބައްދަލުކުރެއްވީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް އުފެއްދުމަށް އިލެކްޝަނަސް ކޮމިޝަނުން ހުރަސްއަޅަމުން ގެންދާތީކަމަށެވެ.

މީގެ ކުރިން އެހެން ސިޔާސީ ޕާޓީތައް ރަޖިސްޓްރީކުރުމަށް އެއް ދުވަހުން ތިން ހާސް ފޯމް ހުށައަޅައިގެން ބާވީސް ގަޑިއިރުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފައިވާއިރު، ޕީއެންސީ އުފެއްދުމަށް ފޯމު ހުށަހަޅާފައިވާތީ ފަންސަވީހަކަށް ދުވަސް ވެގެންދާއިރުވެސް މިހާތަނަށް އެކޮމިޝަނުން އެއްބާރުލުން ދީފައިނުވާކަމަށާ، ފޯމްތައް ރަނގަޅަށް ބެލުމެއްނެތި ގަސްތުގައި ރިޖެކްޓްކުރަމުންދާކަމަށް ނިހާން ތުހުމަތުކުރެއްވިއެވެ. މިއީ މިނިވަން މުއައްސަސާއެއްގެ ގޮތުގައި އޮވެ އެކޮމިޝަނުން ޢަމަލުކޮށްގެންވާނެ ގޮތެއް ނޫންކަމަށްވެސް ނިހާން ވިދާޅުވިއެވެ. ނިހާން ވިދާޅުވީ ޕީއެންސީގެ ފޯމުތައް ބެލުމުގައި، މެންބަރަކު ފޯނު ނުނެގިނަމަވެސް ރިޖެކްޓުކުރާކަމަށާ، އެކަމަށް ހައްލެއް ހޯދޭނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިގެންކަމުން އެކަމާ ގުޅޭގޮތުން މަޖިލީހުގެ ރައީސްއާ މަޝްވަރާކޮށްފައިވާކަމަށެވެ.

ނިހާން މިހެން ވިދާޅުވެފައިވާއިރު އިލެކްޝަންސް ކޮމިޝަނުން ވަނީ ޕީއެންސީ އުފެއްދުމަށް ހުށައެޅި ފޯމްތަކުގެ ތެރޭގައި ސައްޙަ ނޫން ފޯމްތަކެއް ގިނަ ޢަދަދަކަށް ހުރިކަމަށް ވިދާޅުވެފައެވެ. އަދި އެ ކޮމިޝަނަށް ޝަކުވާތަކެއް ލިބިފައިވާކަމަށްވެސް ވިދާޅުވެފައިވެއެވެ. ނިހާން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ޒާތީގޮތްތަކެއް ގެންގުޅޭކަމަށާއި، އެކަމުގެ ސަބަބުން އަންނަ މަޖިލިސް އިންތިޚާބުގގައި ވާދަކުރަން ބޭނުންވާ ބައެއް މެންބަރުންގެ ހައްގު ގެލިދާނެކަމުގެ ބިރު އެބައޮތްކަމަށެވެ.

އެހެންކަމުން މިކަމަށް ހައްލު ހޯދުމަށް މަޖިލީހުގެ ރައީސް އެއްބާރުލުންދީ އެހީތެރިކަން ދެއްވާނެކަމަށް ވިދާޅުވެފައިވާކަމަށް ނިހާން ވިދާޅުވިއެވެ. އެކަމަށް ހައްލު ގެނެވޭނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބޭއްވިގެންކަމަށާއި، މިވަގުތުއެ ކޮމިޓީގެ މުޤައްރިރަކަށް އިންނެވި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އެއްބާރުލުން ދެއްވަމުން ނުދާކަމަށްވެސް ނިހާން ވިދާޅުވިއެވެ. އެހެންކަމުން ރޮޒައިނާގެ އިތުބާރު ނެތްކަމަށް ފާސްކޮށް ކޮމިޓީގެ މުޤައްރިރަކަށް އެހެން ބޭފުޅަކު ހަމަޖައްސައިގެން ކުރިއަށް ދެވޭނެކަމަށް ނިހާން ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ޕީއެންސީ އުފެއްދުމަށް ހުށައެޅި ފޯމްތަކުގެ ސައްހްކަން ކަށަވަރުކުރުމަށްފަހު މައްސަލައެއް ނޫޅޭނަމަ ވީހާވެސް އަވަހަށް އެޕާޓީ އުފެއްދުމުގެ ހުއްދަ ދެއްވާނެކަމަށެވެ. ޕީއެންސީ ރަޖިސްޓްރީކުރުމަށް ހުށައެޅި ހަތަރުހާސް ފޯމްގެ ތެރެއިން ސައްޙަކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ އެއް ހާސް ނުވަސަތޭކަ ފަންސާސް ފޯމެވެ.