ކުރީގެ ނާއިބް ރައީސް އަޙްމަދު އަދީބުގެ ބައްޔަށް ބޭސްފަރުވާ ކުރުމަށް ޑޮކްޓަރެއްގެ ގޮތުގައި ހުރިހައި މަސައްކަތްތަކެއް ކުރައްވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކަމަށް އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ތުހުމަތުކުރައްވައިފިއެވެ.
މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް އެމްޓީގެ އޮފީހުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވީ އަދީބު ޖަލުގައި ހައްޔަރުކޮށްފައި ހުންނަވަނިކޮށް ބަލިޙާލު ބޮޑުވުމާއި ގުޅިގެން މާލެ ގެނެސް އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި ވަނިކޮށް އަދީބު ޑިސްޗާޖު ކުރުމާއި ގެއަށް ބަދަލުކުރުމުގެ ކަންކަން ކުރެއްވީ މިނިސްޓަރ އިމްރާނުކަމަށެވެ.
"ހޮނިހިރު ދުވަހު ކުއްލިއަކަށް އަނބުރާ ޖަލަށް ގެންދިއުމުން މީގެން ވަރަށް ސާފު ދެއްތޯ މީގައި އަދީބު ޑިސްޗާޖް ކުރުމާއި. އަދީބު ޖަލަށް ގެންދިއުމާ މިހުރިހާ ކަމެއް ޑޮކްޓަރަކަށް ވެގެން ކުރައްވަނީ ކޮން ބޭފުޅެއްކަން. މިކަންކަން ކުރައްވަނީ ހަމަ ސީދާ އިމްރާން." ނަޝްވާ ވިދާޅުވިއެވެ.
ނަޝްވާ ވިދާޅުވީ އަދީބު އޮންނެވި ކޮޓަރިއާ ޖެހިގެންހުރި ކޮޓަރިއެއްގައި އިމްރާނުގެ ޢާއިލީ ބޭފުޅަކު އޮތްކަމަށާއި ކޮންމެ ދުވަހަކުވެސް އިމްރާން އެތަނަށް ޒިޔާރަތް ކުރައްވާ ކަމަށެވެ. އެހެންނަމަވެސް ދުވަހަކުވެސް އަދީބުގެ ޙާލު ބައްލަވާފައި ނުވާކަމަށެވެ.
ނަޝްވާ އިތުރަށް ވިދާޅުވީ އެކަމަނާގެ ފިރިކަލުން ޖަލުގައި ހައްޔަރުކޮށްފައި ހުރީ ޖަލުގެ އެސްޕީޔޫ ޔުނިޓުތަކުގެ ތެރެއިން އެންމެ ކުޑަ ޔުނިޓުގައި ކަމަށާއި، އެތަނުގައި އަދީބުގެ ކައިރީގައި ހުރީ ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމުގެ މައްސަލައެއްގައި ބަންދުކޮށްފައި ހުރި އުމުރުން 60 އަހަރުގެ މީހެއްކަމަށެވެ.
"އަޅުގަނޑަކަށް ނޭނގޭ ކުޑަކުދިންނާ ބެހިފައި ހުރި މީހަކު އަދީބު ކައިރީގައި ބެހެއްޓިފައި ހުރި ސަބަބެއް. އަނެއްކާ 60 އަހަރުގެ މީހަކު ފެމިލީ ކެއަރ ބޭނުންވެފައި ހުރި މީހެއް ކައިރީގައި ބަހައްޓާފައި ހުރި ސަބަބެއް." ނަޝްވާ ވިދާޅުވިއެވެ.
ނަޝްވާ ވަނީ އަދީބު ހައްޔަރުކޮށްފައި ހުންނަ ގޮޅީގެ ކުރިމަތީ ފާރުގައި އިންޑަސްޓްރިއަލް ފޯން ޖޭމަރ އެއް ހުންނާތީ އޭގެ ރޭޑިއޭޝަންގެ އަސަރުން އަދީބަށް ގެއްލުންވާކަމަށްވެސް ވިދާޅުވެފައެވެ.