ވިޔަފާރި

ލިވިންގ އެކްސްޕޯ ފެބްރުއަރީ 9 ވަނަ ދުވަހަށް ފަސްކޮށްފި


އަންނަ މަހުގެ 7 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައި އޮތް ލިވިންގ އެކްސްޕޯ ބާއްވާ ތާރީޙު ފަސްކޮށްފިއެވެ.

ލިވިންގ އެކްސްޕޯ އިންތިޒާމްކުރާ ހައިރައިޒުން ބުނީ މިއަހަރުގެ ލިވިންގ އެކްސްޕޯ އޮންނާނީ އަންނަ މަހުގެ 9 ވަނަ ދުވަހުން 11 ވަނަ ދުވަހުގެ ނިޔަލަށްކަމަށެވެ.

ލިވިންގ އެކްސްޕޯއަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ރިއަލް އެސްޓޭޓް ޚިދުމަތްދޭ ބޮޑެތި ކުންފުނިތައް އެއްތަނަކަށް ގެނެސް މިދާއިރާގައި ހުރި ފުރުޞަތުތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް 2013 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ހަރަކާތެކެވެ.

މިއަހަރުގެ ލިވިންގ އެކްސްޕޯ ދަރުބާރުގޭގައި ބާއްވާއިރު މިއެކްސްޕޯގައިވެސް ރާއްޖޭއާއި ރާއްޖޭން ބޭރުގެ ރިއަލް އެސްޓޭޓް ޙިދުމަތްދޭ ގިނަ ކުންފުނިތަކަކުން ބައިވެރިވާނެކަމަށް ހައިރައިޒުން ބުނެއެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކުންފުނިތައް ހިމެނޭގޮތުން މިއަހަރުގެ ލިވިންގ އެކްސްޕޯގައި 22 ކުންފުންޏަކުން ބައިވެރިވާނެކަމަށް ހައިރައިޒުން ބުނެއެވެ.

މި އަހަރުގެ ލިވިންގ އެކްސްޕޯގެ މެއިން ސްޕޮންސަރަކީ އެލައިޑް އިންޝުއަރެންސްއެވެ.