ވިޔަފާރި

ފަތުރުވެރިކަމުގެ ދާއިރާގެ ޤަވާއިދުތަކަށް ޚިޔާލު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި


ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި އެކި ޤަވާއިދުތަކަށް އާންމުންގެ ޚިޔާލު ހުށަހެޅުމަށް ޓޫރިޒަމް މިނިސްޓްރީން ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފިއެވެ.

ފަތުރުވެރިކަމާއި ގުޅުންހުރި ޤަވައިދުތަކާއި އުސޫލުތަކަށް ބަދަލު ގެނައުމަށް ޓޫރިޒަމް މިނިސްޓްރީން މީގެކުރިން ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 27 ވަނަ ދުވަހާއި ހަމައަށެވެ. އެހެންނަމަވެސް މިނިސްޓްރީން ބުނީ މިކަމަށް ޚިޔާލު ހުށަހެޅުމާއިއެކު ގިނަ އަދަދެއްގެ އާންމުންނާއި ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ބޭފުޅުންގެ ފަރާތުން ފުރިހަމަ ތަރުޙީބެއް ލިބެމުން އަންނަކަމަށެވެ. އެހެންކަމުން ޤަވާއިދުތަކަށް ޚިޔާލު ހުށަހެޅުމުގެ މުއްދަތު އަންނަ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

މިޤަވާއިދުތަކަށް ޚިޔާލު ހުށަހެޅުއްވުމަށް ލިޔުމުންނާއި މިނިސްޓްރީގެ އީ-މެއިލް މެދުވެރިކޮށް ހުށަހަޅޭނެއެވެ. ފަތުރުވެރިކަމާއި ގުޅުންހުރި ކަންކަމުގެ ތެރެއިން އާންމުންނަށް ޚިޔާލު ހުށަހެޅޭނެ ކަންކަމުގެ ތެރޭގައި ރިސޯޓު، ގެސްޓްހައުސް، ހޮޓެލް، ޓްރެވެލް އޭޖެންސީ އަދި ޓުއާރ ގައިޑުންގެ ޤަވައިދުތައް ހިމެނެއެވެ. އަދި ފަތުރުވެރިކަމުގެ ސިނާޢަތުގައި ދިރޭތަކެތީގެ ނަސްލުތައް ރައްކާތެރިކުރުމާއި ހިމާޔަތްކުރުމުގެ ޤަވާއިދުތަކާއި އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީގެ ޤަވައިދުތަކާއި އުސޫލުތަކަށް ވެސް ޚިޔާލު ހުށަހެޅޭނެކަމަށް މިނިސްޓްރީން ބުނެއެވެ.

ފަތުރުވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށްޓަކައި މިދާއިރާގައި ހުރި އެކި ޤަވައިދުތަކަށް ބަދަލުގެނެސް މި ދާއިރާ ކުރިއެރުވުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ މުހިއްމުކަމެކެވެ.