ޚަބަރު

މާލޭގެ ބަސް ސްޓޮޕްތައް ހިޔާކުރަން ފަށައިފި


މާލޭގައި ހަދާފައިވާ ބަސް ސްޓޮޕްތައް ހިޔާކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލް އިން ފަށައިފިއެވެ.

އެމްޕީއެލް އިން ބުނީ ބަސް ސްޓޮޕްތައް ހިޔާ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާ ހަފްތާއެއްގެ ތެރޭ އެ މަސައްކަތް ނިމޭނެކަމަށެވެ. އެމްޕީއެލް އިން ހިޔާ ކުރުމުގެ މަސައްކަތް ކުރަމުންދަނީ ބޮޑުތަކުރުފާނު މަގުގައި ހަދާފައިވާ 4 ބަސް ސްޓޮޕެވެ. މާލެއާއި ހުޅުމާލެއާ ދެމެދު ބަހުގެ ޚިދުމަތް ދޭން ފަށާފައިވާއިރު މިހާތަނަށް މާލޭގައި ޤާއިމްކޮށްފައިވާ ބަސް ސްޓޮޕް ތަކުގެ ތެރެއިން ހަމައެކަނި އާންމުންނަށް ފަސޭހައިން މަޑުކޮށްލައިގެން ތިބެވޭނެހެން ހަދާފައިވަނީ ހަމައެކަނި ގްރޭޓަރ މާލޭ ބަސް ޓަރމިނަލް އެކަންޏެވެ. ދެ ްހުރި ބަސް ސްޓޮޕްތަކުގައި އިށީ އިނދެވޭނެ ގޮތެއްވެސް އަދި ހިޔާވާނެ ގޮތެއްވެސް ނުހުރެއެވެ. ނަމަވެސް އާންމު ރައްޔިތުންނަށް ފަސޭހައި ބަސް ސްޓޮޕްތަކުގައި މަޑުކޮށްލެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް އެމްޕީއެލްއިން މިވަނީ ފަށާފައެވެ. މިއީ އާންމު ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ.

ބަސް ސްޓޮޕްތައް ހިޔާކުރުމުގެ މަސައްކަތް އެމްޕީއެލްއިން ފަށާފައިވާއިރު، ބަސް ސްޓޮޕްތަކުގައި އާންމުން މަޑު ކުރަންޖެހޭ ވަގުތު ކުޑަ ކުރުމުގެ ގޮތުން ގިނަ ބަސްތަކެއް އޮޕަރޭޝަނަށްނެރެ ބަސް ދަތުރުތައް ބާއްވާ ގަޑިތައް އަވަސް ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށްވެސް އެމްޕީއެލްއިން ވަނީ ބުނެފައެވެ.

މާލޭގެ އިތުރުން ހުޅުމާލޭގެ ބަސް ސްޓޮޕްތަކަކީވެސް ގިނަ ބަޔަކު ޚިދުމަތް ހޯދާ ތަންތަނެވެ. އެގޮތުން ހުޅުމާލޭގައި ހިޔާ ނުކޮށްހުރި ބަސް ސްޓޮޕްތަކެއް ހުރި އިރު މިހާރު ހުރި ބައެއް ބަސް ސްޓޮޕްތަކަކީވެސް އެންމެ އެކަށީގެންވާ ގޮތެއްގައި އާންމުންނަށް މަޑުކޮށްލައިގެން ތިބެވޭނެ ގޮތަކަށް ހަދާފައިވާ ބަސް ސްޓޮޕްތަކެއް ނޫނެވެ. އެގޮތުން ބައެއް ބަސް ސްޓޮޕްތައް ހުރިގޮތުން މާބަނޑު މީހުންނަށާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް އިށީ އިނުމަކީ ދަތި ކަމެއްކަން ގިނަ ބަޔަކު ފާހަގަކުރެއެވެ. އަދި އެ ބަސް ސްޓޮޕް ތައް އެންމެ އެކަށީގެންވާ ގޮތެއްގައި ހިޔާކޮށްފައިނެތްކަންވެސް ފާހަގަކޮށްލެވެއެވެ.

މިކަމާ ގުޅޭގޮތުން އެޗްޑީސީން ބުނީ، ހުޅުމާލޭގެ ބަސް ސްޓޮޕްތަކަކީ އާންމުންނަށް ފަސޭހައިން ތިބެވޭނެ ތަންތަނަށް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުޙައިލް އަޙްމަދު ވިދާޅުވީ ބަސް ސްޓޮޕްތަކުގައި އިށީއިނދެގެން ތިބެވޭނެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ މަސައްކަތް އަންނަ ހަފްތާގައި ފަށާނެ ކަމަށެވެ.

މާލެއާއި ހުޅުމާލޭގެ ބަސް ސްޓޮޕްތަކަކީ ގިނަ ބަޔަކު ކޮންމެ ދުވަހަކުވެސް ޚިދުމަތް ހޯދާ ތަންތަން ކަމުން ބަސް ސްޓޮޕްތައް ހިޔާކުރެވި ފަސޭހައިން މަޑުކޮށްލެވޭނެ އިންތިޒާމެއް ހަމަޖެހިގެންދިއުމަކީ ގިނަ ބަޔަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމެކެވެ.