ވިޔަފާރި

ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާކުރުމަށް މަޓާޓޯއިން ގޮވާލައިފި


ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުގައި ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް، މަޓާޓޯއިން ގޮވާލައިފިއެވެ.

މަޓާޓޯއިން މިކަމަށް ގޮވާލީ، ފަތުރުވެރިންނަށް ޚިދުމަތްދޭ ބައެއް ތަންތަނުގައި ގާތްގާތުގައި ހިތާމަވެރި ހާދިސާތަކެއް ކުރިމަތިވެ، އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ނެރެފައިވާ ނޫސް ބަޔާނެއްގައެވެ.

މަޓާޓޯގެ ބަޔާނުގައި ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުގައި ހިތާމަވެރި ހާދިސާތައް ތަކުރާރުވުމަކީ ރާއްޖެ ފަދަ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ޤައުމަކަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމެއްކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ފަތުރުވެރިންނަށް ޚިދުމަތްދޭ ހުރިހާ ތަނެއްގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ޓުއަރިޒަމް މިނިސްޓްރީން ފަށާފައިވާ މަސައްކަތަށް ތަޢުރީފްކޮށް، އެކަމުގައި ކަމާ ގުޅުން ހުރި ހުރިހާ ފަރާތަކުން އެއްބާރުލުން ދެއްވުމަށް މަޓާޓޯގެ ބަޔާނުގައި ގޮވާލާފައިވެއެވެ. ޚާއްސަ ގޮތެއްގައި، ލޯކަލް ޓޫރިޒަމް ކުރި އަރަމުން އަންނަ ރަށްރަށުގެ ރައްޔިތުންނާއި މިދާއިރާގައި މަސައްކަތްކުރާ އަމިއްލަ ފަރާތްތަކުންވެސް ފަތުރުވެރިންނަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަމުގެ މައުލޫމާތު ފަތުރުވެރިންނަށް ފޯރުކޮށް ދިނުމަށް މަސައްކަތް ކުރުމަށްވެސް މަޓާޓޯގެ ބަޔާނުގައި ގޮވާލާފައިވެއެވެ.

މަޓާޓޯގެ ބަޔާނުގައި ފަތުރުވެރިން ހޭލުންތެރިކުރުމަށް މީގެ ކުރިން ޗައިނާ އެމްބަސީއާ ގުޅިގެން ކުރިއަށް ގެންދިޔަ ކެމްޕެއިން އަލުން ފެށުމަށް ނިންމާފައިވާކަމަށް ބުނެފައިވެއެވެ.