ޚަބަރު

ކުރީގެ ޔޫތު މިނިސްޓަރ އިރުތިޝާމް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފި


ކުރީގެ ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފިއެވެ.

ރޭ ޖުމްހޫރީ ޕާޓީގެ މައި އޮފީސް ހުންނަ މ. ކުނޫޒްގައި ބޭއްވެވި ރަސްމިއްޔާތެއްގައި ކުރީގެ މިނިސްޓަރ އިރުތިޝާމް ޖޭޕީ އާއި ގުޅިވަޑައިގެން ޕާޓީއަށް ސޮއިކުރެއްވި ފޯމް ހަވާލުކުރެއްވީ އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އާއެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް ކަމުގެ މަޤާމާއި، ހެލްތު މިނިސްޓަރުކަންވެސް ކުރެއްވި އިރުތިޝާމް އަދަމް ވިދާޅުވީ މިއީ އެކަމަނާ ގުޅިވަޑައިގަތް ފުރަތަމަ ސިޔާސީ ޕާޓީކަމަށާއި، ޖޭޕީގެ ލީޑަރު ޤާސިމް އިބްރާޙީމްކީ އަބަދުވެސް އެކަމަނާ އިޙްތިރާމްކުރައްވާ ބޭފުޅެއްކަމަށެވެ.

މިއީ ރައީސް ޔާމީންގެ ސަރުކާރުގެ އެންމެ އިސް މަޤާމެއް ފުރުވާފައިވާ ބޭފުޅަކު މިހާރުގެ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޕާޓީއަކާއި ގުޅިވަޑައިގެން ފުރަތަމަ ފަހަރެވެ.

"ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ސިޔާސީ ހަރަކާތްތަކުގައި އަޅުގަނޑު ހަރަކާތްތެރިވީ ވެރިކަން ކުރާ ޕާޓީގެ ވަޒީރެއްގެ ހައިސިއްޔަތުން ސަރުކާރުގެ ސިޔާސަތު ޕްރޮމޯޓްކުރުމަށް" އިރުތިޝާމް ވިދާޅުވިއެވެ.

ކުރީގެ ރައީސް މައުމޫނާއި، ރައީސް ނަޝީދާއި، ރައީސް ވަހީދުގެ ވެރިކަމުގައިވެސް އިރުތިޝާމް އާދަމް ވަނީ ޚާރިޖީ ދާއިރާގައި މުހިއްމު މަޤާމުތަކެއް ފުރުއްވާފައެވެ. އޭގެ ތެރޭގެ އެމްބެސަޑަރު ކަމާއި، ޑެޕިއުޓީ އެމްބެސެޑަރގެ މަޤާމުގެ އިތުރުން ޚާރިޖީ ދާއިރާގެ އިތުރު މަޤާމުތައް ހިމެނެއެވެ.