ޚަބަރު

މާލޭ ސަރަޙައްދުގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމުގެ މަސައްކަތް 5 އަހަރުގެ ތެރޭގައި ނިމޭނެ- ސްޓެލްކޯ


މާލޭ ސަރަޙައްދުގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމުގެ މަސައްކަތް ސަރުކާރުގެ 5 އަހަރުގެ ތެރޭގައި ނިންމާ، 24 ގަޑިއިރު ކަރަންޓު ޔަޤީންކޮށްދެއްވާނެކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން މުޣުނީ ވިދާޅުވެއްޖެއެވެ.

ކޮރަޕްޝަނާއި ޚިޔާނާތް ހުއްޓުވުމުގެ ވަޢުދުގައި ސްޓެލްކޯގެ މުވައްޒަފުން ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން މުޣުނީ ވިދާޅުވީ، 24 ގަޑިއިރު ކަރަންޓުގެ ޚިދުމަތް ޔަޤީންކޮށްދެއްވާނެކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެވަޑައިގެންފައިވާ ވަޢުދުފުޅު ފުއްދެއްވުމަށްޓަކާ ސްޓެލްކޯގެ ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާކަމަށެވެ.

އެގޮތުން ހުޅުމާލޭގައި ޤާއިމުކުރާ 50 މެގަވޯޓުގެ ޕަވަރ ހައުސްއަށް ބޭނުންވާ ޖަރަނޭޓަރުތައް އިންސްޓޯލްކޮށް ނިންމާ، ޚިދުމަތް ފެށުމަށް ތައްޔާރުވެފައިވާކަމަށް މުޣުނީ ވިދާޅުވިއެވެ. އަދި ސިނަމާލޭ ބްރިޖު މެދުވެރިކޮށް މާލެއާއި ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓުގެ ވިއުގަރ ގުޅާލުމަށްޓަކާ އިންޓަރ-ކަނެކްޝަން ކޭބަލް އެޅުމާއި، މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި އިތުރު ޕަވަރހައުސް އެއް ޤާއިމުކުރުމުގެ މަސައްކަތްވެސް އެކުންފުނިން ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.

މުޣުނީ ވިދާޅުވީ، މި ހުރިހާ މަޝްރޫޢެއް ނިމޭއިރު މާލެ، ވިލިމާލެ، ހުޅުމާލޭ، ތިލަފުށި އަދި ގުޅީފަޅުގެ ކަރަންޓުގެ ވިއުގަރ އެއް ނެޓްވޯކަކުން ގުޅާލެވިގެންދާނެކަމަށެވެ. އަދި މި މަސައްކަތް މި ސަރުކާރުގެ 5 އަހަރުގެ ތެރޭގައި ނިންމުމަށް އަމާޒުކޮށްފައިވާކަމަށް މުޣުނީ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވިސްނުމުގައި އެބަހުރި ވަރަށް އަވަހަށް މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި އިތުރު ޕަވަރހައުސްއެއް ޤާއިމުކުރުމުގެ. އޭރުން އަޅުގަނޑުމެން މިިހާރު މިދޭ ޚިދުމަތް 24 ގަޑިއިރު އެއްވެސް މައްސަލައެއް ދިމާނުވެ، ދެވޭނެ. އަދި މިއީ ކެޕޭސިޓީ އިތުރުވެ، ދޭތެރެ ދޭތެރެއިން މާލެއިން ކަރަންޓު ކެނޑޭ މައްސަލަ ހައްލުވެގެންދާނެ ކަމެއް.. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި 5 އަހަރު ނިމުމުގެ ކުރިން މާލެ، ވިލިމާލެ، ހުޅުމާލެ، ތިލަފުށި އަދި ގުޅީފަޅު ހިމެނޭހެން އިންޓަރ-ކަނެކްޝަން މެދުވެރިކޮށް ގުޅާލައި، އާއްމު ރައްޔިތުންނަށް އެއްވެސް އިރެއްގައި ކަރަންޓުގެ ޚިދުމަތް މެދުނުކެނޑި ލިބޭނެ ގޮތް ހަދައިދޭނަން.." މުޣުނީ ވިދާޅުވިއެވެ.

މުޣުނީ ވިދާޅުވީ، ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތް ސަރުކާރުގެ ކަމާގުޅޭ ވުޒާރާތަކާއި ގުޅިގެން ކުރަމުންދާކަމަށެވެ.