ޚަބަރު

ދިވެހި ފަންނާނުންނަށް ދިމާވާ މައްސަލަތައް ދެނެގަނެ ހައްލުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި- މިނިސްޓަރ ޔުމްނާ


ދިވެހި ފަންނާނުންނަށް ދިމާވާ މައްސަލަތައް ދެނެގަނެ ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓެޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޔުމްނާ މިހެން ވިދާޅުވީ، ރާއްޖޭގައި މިއުޒިކު ދާއިރާ އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމަށް މިއުޒިކީ ދާއިރާގައި މަސައްކަތް ކުރާ ފަންނާނުންނަށް ޚާއްޞަކޮށްގެން ބޭއްވި ފޯރަމްގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓެޖާއި ނޭޝަނަލް ސެންޓަރ ފޯރ ދި އާރޓްސް، އެންސީއޭއިން އިންތިޒާމުކޮށްގެން "ފަންނާނުންގެ ފޯރަމް 2019"ގެ ނަމުގައި ބޭއްވި ބައްދަލުވުމުގައި މި ދާއިރާގައި އުޅޭ އެކި އުމުރުފުރާގެ ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރިވެ ދިމަވާ މައްސަލަތަކާއި ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ކަންކަން ޙިއްސާކޮށްފައެވެ.

އެގޮތުން މި ދާއިރާއިން ކުރިއަށްދިއުމަށް ގޮންޖެހުންތަކެއް ހުރިކަން ފޯރަމްގެ ބައިވެރިން ވަނީ ފާހަގަކޮށްފައެވެ. ޚާއްޞަކޮށް ޕްރެކްޓިސް ކުރުމަށާއި އެކަށީގެންވާ ތަމްރީނުތައް ހޯދަން ދަތިވުމާއި ރިސޯޓްތަކުގައި މިއުޒިކް ކުޅުމަށް ހުރި ދަތިތައް ބައެއް ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ޒަމާނަށް އައި ބަދަލާއެކު އިހުގެ ސަޤާފީ މިއުޒިކާއި ބޮޑުބެރުގެ އަސްލު އޮޅި އެ ސަޤާފަތްތައް އުވެމުންދާކަންވެސް ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ. އަދި ދިވެހި ފަންނާނުންގެ އަގުވަޒަންކުރެވޭނެ ގޮތެއް ހޯދަން ޖެހިފައިވާކަން ފާހަގަކޮށް ބައެއް ފަރާތްތަކުން ވަނީ ދާއިރާގައި ރަސްމީކޮށް މަސައްކަތްކުރާ ފަރާތްތަކަށް އެކަމުގެ އަގުވަޒަންކޮށް ޕެންޝަން ލިބޭނެ އިންތިޒާމެއް އޮތުމުގެ މުހިންމު ކަންވެސް ފާހަގަކޮށްފައެވެ.

މި ފޯރަމްގެ ބައިވެރިންނާ މުޚާތަބްކުރައްވާ، ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކުގައި މިދާއިރާއަށް މާބޮޑު ސަމާލުކަމެއް ދެވިފައިނެތުމުން މި ދާއިރާގައި ގިނަ ކަންތައްތަކެއް ޙައްލުކުރަން އެބަހުރިކަމަށެވެ. އެގޮތުން ސަރުކާރުން މި މައްސަލަތައް ޙައްލުކުރުމަށް މަސައްކަތް ފަށާފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، ފަންނާނުންގެ ރަޖިސްޓްރޭޝަން ހަރުނާކޮށް، ފަންނާނުންނަށް ޕްރެކްޓިސް ކުރެވޭނެ ތަންތަން ހޯދައިދިނުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން ތި އެންމެހާ ބޭފުޅުންގެ މައްސަލަތަށް ހައްލުކުރުމުގެ މަސައްކަތް ކުރަމުން މިދަނީ. ފާހަގަކޮށްލަންޖެހޭ ހުރިހާ މައްސަލަތަކަކަށް އެއްފަހަރާ ހައްލެއް ލިބިގެން ނުދާނެކަން. އަޅުގަނޑުމެން ކުދި ކަންކަމުން ފަށައިގެން ޙައްލުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި. އެގޮތުން ފަންނާނުންގެ ރަޖިސްޓްރީވުމުގެ މަރުޙަލާ ހަރުނާކޮށް، ފަންނާނުން ފަރިތަކުރާނެ ޕްރެކްޓިސް ރޫމްތަށް އިތުރުކުރުމުގެ މަސައްކަތް އަޅުގަނޑުމެން މިހާރު ކުރަމުން އެބަދަން." މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ.

މި ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ޓުއަރިޒަމް ޢަލީ ވަހީދު ވިދާޅުވީ، ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ޤައުމަކަށް ވާއިރު، މިދާއިރާގެ ތަރައްޤީގައި ދިވެހި ފަންނާނުންނަކީ މުހިންމު ދައުރެއް އަދާކުރާ ބައެއްކަމަށެވެ. އަދި ޓުއަރިޒަމް މިނިސްޓްރީއިން މިހާރު ރާއްޖޭގެ ރިސޯޓްތަކާއި، ހޮޓާތައް އިންސްޕެކްޓް ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މި މަސައްކަތާއެކު ދިވެހި ފަންނާނުނަށްވެސް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އިންސްޕެކްޝަންތަކުގައި ރާއްޖޭގެ ރިސޯޓްތަކާއި ހޮޓާތަކުގެ މަސައްކަތްކުރުމުގެ މަސައްކަތް ކުރަމުންދާއިރު މިކަމުން ދިވެހި ފަންނާނުންނަށް ފައިދާކުރާނެ. އަދި އަޅުގަނޑުމެން ދައުލަތުގެ މީޑިއާ މެދުވެރިކޮށް ދިވެހި ފަންނާނުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މަސައްކަތްވެސްކުރާނަން." މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވިއެވެ.

ރާއްޖޭގައި މިއުޒިކީ ދާއިރާ އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމަށް، ދާއިރާގައި މަސައްކަތް ކުރާ ފަންނާނުންނަށް ޚާއްޞަ ފޯރަމެއް ބާއްވާފައިވާއިރު، ފިލްމީ ދާއިރާއާއި، ކުރެހުމާއި ވިޝުއަލް އާރޓްސް ދާއިރާގެ ފަންނުވެރިންނަށް ޚާއްޞަ ފޯރަމްތައް ކައިރި މުސްތަޤްބަލެއްގައި ބާއްވާނެކަން ނޭޝަނަލް ސެންޓަރ ފޯރ ދި އާރޓްސް، އެންސީއޭއިންވެސް ވަނީ ހާމަކޮށްފައެވެ.