ޚަބަރު

ވަޢުދުތައް ފުއްދުމަށް ބޭނުންވާ އެހީތެރިކަން ވޯލްޑް ބޭންކާއި އައި.އެފް.ސީން ދޭނެކަން ހާމަކޮށްފި


ސަރުކާރުގެ ވަޢުދުތައް ފުއްދުމުގައި ބޭނުންވާނެ އެހީތެރިކަމާއި އެއްބާރުލުން، މާލީގޮތުންނާއި ފަންނީ ގޮތުން ދެއްވާނެކަމަށް ވޯލްޑް ބޭންކާއި އައި.އެފް.ސީން ހާމަކޮށްފިއެވެ.

ސަރުކާރުގެ ވަޢުދުތައް ފުއްދުމުގައި ބޭނުންވާ އެހީތެރިކަން ދެއްވާނެކަމަށް ވޯލްޑް ބޭންކާއި އިންޓަރނޭޝަނަލް ފައިނޭންސް ކޯޕަރޭޝަނުން ހާމަކުރީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އެ ދެ ޖަމުޢިއްޔާގެ އިސް ވަފުދުގެ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ކުރެއްވި އިޙުތިރާމްގެ ޒިޔާރަތުގެ ތެރެއިންނެވެ.

ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އެފަރާތްތަކުން ފާއިތުވި އަހަރުތަކުގައި ރާއްޖެއަށް ފޯރުކޮށްދީފައިވާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވައިފައެވެ. މިގޮތުން ރާއްޖެއަށް ކުރިމަތިވެފައިވާ ގިނަ ގޮންޖެހުންތަކުގެ ވާހަކަ ވޯލްޑް ބޭންކާއި އައި.އެފް.ސީގެ އިސް ބޭފުޅުންގެ ވަފުދުގެ ބޭފުޅުންނާ ރައީސް ހިއްސާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގެ މާލިއްޔަތު ބަލަހައްޓަމުން ދާގޮތާއި އެސެޓް ރިކަވަރީގެ މަސައްކަތްތައް ކުރިއަށްގެންދާ ގޮތް ހިއްސާ ކުރައްވައި ރާއްޖޭގެ އުމްރާނީ ތަރައްޤީއަށް ބަދަލު ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމުގައި ފާހަގަކުރެއްވިއެވެ. މިގޮތުން ރާއްޖޭގެ ހިންގުން ލާމާރުކަޒީ އުސޫލަށް ބަދަލުކޮށް މުޅި ރާއްޖެ ހިމެނޭގޮތުން، ވަކި ގިންތިއެއް، ވަކިފަންތިއެއް އިސްތިސްނާކުރުމެއް ނެތި ތަރައްޤީކުރުމުގެ ފިކުރު ސަރުކާރުން ގެންގުޅުއްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ވޯލްޑް ބޭންކްގެ ވަފުދުގެ ބޭފުޅުން ވަނީ ސަރުކާރުން ގެންގުޅުއްވާ ޒަމާނީ ހިންގުމުގެ އުސޫލުތަކަށާއި، ތަރައްޤީގެ ޕްލޭންތަކަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި، ވަފުދުގެ ބޭފުޅުން ވަނީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ކަންކަން ތަންފީޒުކުރުމުގައާއި ވަޢުދުތައް ފުއްދުމުގައި ބޭނުންވާނެ އެހީތެރިކަމާއި އެއްބާރުލުން، މާލީގޮތުންނާއި ފަންނީ ރޮނގުން ދެއްވާނެކަމުގައި ވިދާޅުވެފައެވެ. މީގެއިތުރުން ރާއްޖޭގެ ބޭންކިން ނިޒާމު އިތުރަށް ތަރައްޤީކޮށް ފުޅާކުރުމަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށާއި، ވަޒީފާ އުފެއްދުމަށާއި، ބޯހިޔާވަހިކަމުގެ މަޝްރޫޢުތަށް ހިންގުމަށާއި، އިޢާދަކުރަނިވި ހަކަތަ އުފެއްދުމަށާއި، ސަރުކާރުގެ ލާމަރުކަޒީ އެޖެންޑާ ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގައި ވަފުދުގެ އިސްވެރިޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެފަރާތުންވެސް ވަނީ ކުރިޔަށް އޮތް ދުވަސްތަކުގައި މި ދާއިރާތަކުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތް ތަކުގައި ވަރަށް ގާތުން ގުޅިގެން މަސައްކަތްކުރެއްވުމަށް އުއްމީދުކުރައްވާކަން ހާމަކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ވޯލްޑް ބޭންކްގެ ދެކުނު އޭޝިޔާ ސަރަހައްދުގެ ނައިބު ރައީސް މިސްޓަރ ހަރޓްވިގް ޝަފަޔާއާއި، އައި.އެފް.ސީގެ އޭޝިޔާ ޕެސިފިކް ސަރަހައްދުގެ ނައިބު ރައީސް މިސް ނޭނާ ސޮއިލްޖޮވިކް ބައިވެރިވެވަޑައިގަތެވެ.