ސިޔާސީ

ގައުމު ހަލަބޮލި ނުކޮށް އިޤުތިޞާދާމެދު ވިސްނަންޖެހޭ –މިނިސްޓަރ


ގައުމު ހަލަބޮލި ކުރުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި، ރާއްޖޭގެ އިޤުތިޞާދު ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.ސޭލްސް މުވައްޒަފުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް އިފްތިތާހު ކުރުމަށް ދަރުބާރުގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ގައުމު ހަލަބޮލި ކުރުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި، އާންމުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސް ކޮށްދީ، ވިޔަފާރިތައް ކުރިއެރުވުމަށް މަސައްކަތްކޮށް ރާއްޖޭގެ އިޤްތިޞާދާމެދު ވިސްނަން ޖެހޭކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ސަބަބުން  ދިވެހި އިޤުތިޞާދު މީގެ ކުރިން ދުވަހަކުވެސް ނުދެކޭ ފަދަ އައު ކުރިއެރުންތަކެއް ހޯދަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.ރައީސް ޔާމީން ވައުދުވެ ވަޑައިގެންފައިވާ ގޮތަށް މިސަރުކާރުން ދިވެހި ރައްޔިތުންނަށް 94000 ވަޒީފާ ހޯދާ ދެއްވާނެ ކަމަށާއި ރައީސް ޔާމީންގެ އެ ވައުދުފުޅަކީ ފުއްދައިދެވޭނެ ވައުދެފުޅެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އާބާދީގެ 36 އިންސައްތައަކީ ޒުވާނުންކަމަށާއި މީގެތެރެއިން ގިނަ ޒުވާނުން ވަޒީފާނެތިފައި ތިބިއިރު ސަރުކާރުން މި ޒުވާނުންގެ ކުރިމަގު ބައްޓަން ކުރުމަށް ކުރަމުންދާ މަސައްކަތުގައި އެންމެހާ ފަރާތްތަކުން ބައިވެރިވެ ގައުމުގެ ވަޒީފާގެ ބާޒާރު ދިވެހިންގެ އަތްމައްޗަށް ގެނެސް ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކުރުމަށް މަސައްކަތްކުރުމަކީ މުހިއްމުކަމެއް ކަމަށެވެ.ވަޒީފާ ބޭނުންވެފައިވާ ދިވެހިންނަށް ވަޒީފާ ހޯދާދިނުމުގެ ޝައުގުވެރިކަން ހުރިކަން ދިވެހި ވިޔަފާރިވެރިން ހާމަކޮށްފައިވާ ކަމަށާއި މި ވިޔަފާރިވެރިންނާ ގައުމުގެ ޒުވާނުންގެ ހައްގުގައި ގައުމުގައި އަމާންކަން ދެމެހެއްޓުމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ގޮވާލެއްވިއެވެ.