ޚަބަރު

ބްރިޖާއި ހައިވޭމަތީގައި ކުޑަކުއްޖަކު ލައްވާ ސައިކަލް ދުއްވި މައްސަލަ ފުލުހުން ބަލަން ފަށައިފި


ސިނަމާލެ ބްރިޖާއި ހައިވޭ މަތީގައި ކުޑަ އަންހެން ކުއްޖަކު ލައްވާ ސައިކަލް ދުއްވި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ ސިނަމާލެ ބްރިޖް ހުރަސްކޮށް ހުޅުމާލެއަށް ދާ ހައިވޭ މަތީގައި ކުޑަކުއްޖަކު ލައްވާ ސައިކަލް ދުއްވާފައިވާ ވީޑިއޯއެއް އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި މިހާރު އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ.

ސިނަމާލެ ބުރިޖާއި ހައިވޭމަތީގައި ދިހަ ވަރަކަށް އަހަރުގެ ކުޑަ އަންހެން ކުއްޖަކު، ބޮޑު ފިރިހެނަކު ސައިކަލްގެ ފަހަތައް އަރުވައިގެން ދުއްވަނިކޮށް ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، ގިނަ ބަޔަކު ދަނީ ސޯޝަލް މީޑީއާގެ އެކި ޕްލެޓްފޯމްތަކުގައި އެކަމަށް ފާޑުވެސް ކިޔަމުންނެވެ.

ބައެއް މީހުން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓްތަކުގައި ބުނެފައިވަނީ، އެ ކުއްޖާ ސައިކަލް ދުއްވަމުންދިޔައީ ބުރިޖަށް އަރާ ހިސާބުން ފެށިގެން ކަމަށެވެ. އަދި ސައިކަލް ދުއްވަމުންދިޔައީ ވަރަށް ބާރު ސްޕީޑެއްގައިކަމަށްވެސް ބައެއް މީހުން ބުނެފައިވެއެވެ.

ބްރިޖްގެ ހައިވޭ މަތީގައި ކުޑަ ކުއްޖަކު ލައްވާ ސައިކަލް ދުއްވި ވީޑިއޯއެއް އާންމުވެފައި މިވަނީ، ބްރިޖާއި ހައިވޭ މަތީގައި ހިނގާ އެކްސިޑެންޓްތައް އިތުރުވެ ބައެއް އެކްސިޑެންޓްތަކުގައި މީހުންގެ ފުރާނަޔަށްވެސް ނުރައްކާވާ މިންވަރު އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.