ޚަބަރު

ނާއިބް ރައީސް ފައިޞަލް ނަސީމު ދެ ސަފީރަކާއި ބައްދަލުކުރައްވައިފި


ކިއުބާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ހުވާނާ އެލޭނާ ރާމޯސް ރޮޑްރިގެޒާއި ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޢުމަރު ޢަބްދުލްރައްޒާޤާ ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ފައިޞަލް ނަސީމް ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުގައި ވަކިވަކިން ބޭއްވެވި ބައްދަލު ކުރެއްވުން ތަކުގައި ނާއިބް ރައީސް ވަނީ ކިއުބާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރަށް މަރުޙަބާ ވިދާޅުވެ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ކިއުބާ ސަރުކާރަށާއި އެޤައުމުގެ ރައްޔިތުންނަށް ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އަދި ކިއުބާއިން ރާއްޖެއަށް ދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި ދެޤައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ދެޤައުމަށްވެސް ފައިދާކުރާނެ ކަންކަން ހިމެނޭ ދާއިރާތަކުގެ މައްޗަށް ޚާއްޞަ ގޮތެއްގައި ފަތުރުވެރިކަމާއި ސިއްޙީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް ކުރިއެރުން ލިބޭނެ ގޮތްތަކާމެދު ދެބޭފުޅުންވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ކިއުބާ ސަފީރު ވަނީ ރާއްޖެއާއެކު މަސައްކަތްކުރަން އެޤައުމުން ތައްޔާރަށް އޮތްކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން ދެޤައުމުންވެސް ކަންބޮޑުވާ ކަންތައްތަކުގެ ތެރެއިން ޚާއްޞަ ގޮތެއްގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމާބެހޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޢުމަރު ޢަބްދުލްރައްޒާޤާ ބައްދަލުކުރައްވައި އޭނާއަށްވެސް މަރުހަބާ ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަނީ ސްރީލަންކާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވައި އެގުޅުން ޢުމަރު ޢަބްދުލްރައްޒާޤުގެ އެހީތެރިކަމާއެކު އިތުރަށް ވަރުގަދަވެގެން ދާނެކަމަށް އުންމީދުފުޅުކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ޢުމަރު ޢަބްދުއްރައްޒާޤު ވަނީ ރާއްޖެއާއި ސްރީލަންކާއާދެމެދުގައިވާ ގުޅުން އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި އިތުރަށް ބަދަހިކުރުމަށް އެމަނިކުފާނުގެ ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯއްދަވައި ދެއްވުމަށާއި، ޚާއްޞަކޮށް ވިސާ ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށާއި ދިވެހީން ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖެއާއި ސްރީލަންކާއާ ދެމެދުއޮތް ސިޔާސީ ގުޅުން ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެކަމަށާއި ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއިން ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެކަމުގައިވެސް ސަފީރު ވިދާޅުވިއެވެ.