ޚަބަރު

އުތީމު ނަރުދަމާގެ ބޮޑުބައި ނިމި ޚިދުމަތްދޭން ތައްޔާރުވެއްޖެ


ހއ. އުތީމުގައި ޤާއިމުކުރަމުންދާ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ބޮޑުބައި ނިމި، ޚިދުމަތް ދިނުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށް އުތީމު ކައުންސިލުން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ހއ. އުތީމު ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވީ އުތީމު ނަރުދަމާގެ މަސައްކަތުގެ ބޮޑުބައި ނިމި މިހާރު ކުރަމުންދަނީ ނަރުދަމާގެ ޚިދުމަތް ދިނުމަށްޓަކައި ވާންޖެހޭ އެންމެ ފަހު ތައްޔާރީތައްކަމަށެވެ. އެގޮތުން ނަރުދަމާ ހޮޅި ވަޅުލުމުގެ 85 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށާއި، ނަރުދަމާގެ ޕަމްޕް ސްޓޭޝަންތައް ޤާއިމުކޮށް ބިމުއަޑިއަށް ފައްތަންޖެހޭ ބައިތައް ބިމުއަޑިއަށް ފައްތައި ނިމިފައިވާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އިދާރި މަސައްކަތްކުރާނެ އޮފީސް އިމާރާތުގެ 95 އިންސައްތަ މަސައްކަތް ނިމި ނަރުދަމާގެ ޚިދުމަތް ދިނުމަށް ބޭނުންވާނެ ސާމާނުވެސް އުތީމަށް ގެންގޮސްފައިވާކަމަށް އުތީމު ކައުންސިލުން މައުލޫމާތުދެއެވެ.

އާބާދީގައި 950 އެއްހާ މީހުން ދިރިއުޅޭ އުތީމުގައި ނަރުދަމާގެ ނިޒާމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. މިމަސައްކަތް ކުރަމުންދަނީ ސާސީ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެންނެވެ. މިއީ 13 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.