މަގުމަތީގައި ހިނގާ އެކްސިޑެންޓްތައް މަދުކުރެވޭނީ ފަރުދީގޮތުން އަދާކުރަންޖެހޭ ޒިންމާތައް ފުރިހަމަ ގޮތުގައި އަދާ ކުރެވިގެން ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއެވިއޭޝަން ޢާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ޓްރާންސްޕޯރޓް މިނިސްޓަރު ޢާއިޝަތު ނަހުލާ މިހެން ވިދާޅުވީ އެކަމަނާ ކުރެއްވި ޓްވީޓެއްގައެވެ. އެކަމަނާ މިހެން ވިދާޅުވެފައި މިވަނީ ފަހަކަށް އައިސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ ޢަދަދު އިތުރުވެ އެފަދަ ހާދިސާތަކުގައި މީހުންގެ ފުރާނަޔަށް ގެއްލުންވާ މިންވަރު އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.
މިނިސްޓަރު ޢާއިޝަތު ނަހުލާގެ ޓްވީޓްގައި ވިދާޅުވެފައި ވަނީ އެއްގަމު އުޅަނދުތަކުގައި މަގުމައްޗަށް ނުކުންނަވާއިރު ތިމާގެ ފަރިތަކަމަށް ވުރެ އަނެކާގެ ރައްކާތެރި ކަމަށް ވިސްނާލައިގެން ޤަވާއިދުތަކަށް ބޯލަނބައިގެން ނޫނީ މަގުމަތީގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތައް މަދު ނުކުރެވޭނެ ކަމަށެވެ.
"އެކްސިޑެންޓްތައް މަދު ކުރެވޭނީ ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ ނަގައިގެން. މަގުމަތީގައި ތިމާގެ ފަރިތަކަމަށްވުރެ، އަނެކާގެ ރައްކާތެރިކަމަށް ވިސްނާ. ޤަވާއިދުތަކަށް ބޯލަނބައިގެން." ނަހުލާ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި ހިނގާ ނުރައްކާތެރި ހާދިސާތަކާއި އެކްސިޑެންޓުތައް މަދު ކުރެވޭނީ ކޮންމެ މީހަކުވެސް ފަރުދީ ގޮތުން އަދާ ކުރަންޖެހޭ ފަރުދީ ޒިންމާތައް ފުރިހަމަ ގޮތުގައި އަދާކޮށްގެން ކަމަށެވެ.
"ފަހަކަށް އައިސް އެކްސިޑެންޓުތައް ގިނަވުމަކީ ހިތާމަ ހުރި ކަމެއް. ރައްކާތެރިވެ ފަރުދީ ޒިންމާ އަދާކުރައްވާ." މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.
މިދުވަސްކޮޅު މާލެ އާއި އަތޮޅުތެރޭގެ ރަށްރަށުގައި އެއްގަމު އެކްސިޑެންޓްތައް ހިނގާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން އިއްޔެ ހެނދުނު މާލޭ މަސްމާރުކޭޓް ސަރަހައްދުގައި ހިނގި އެކްސިޑެންޓެއްގައި ވަނީ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކު ނިޔާވެފައެވެ.