ވިޔަފާރި

އެންމެ ކަމުދާނެ ރިސޯޓަކަށް ވެލްޑޯރފް އެސްޓޯރިއާ މޯލްޑިވްސް


ފޯރބްސް މަޖައްލާއިން ނެރުނު، މި އަހަރު އޭޝިއާ ސަރަޙައްދުގައި ހުޅުވާ ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނުގެ ތެރެއިން އެންމެ ކަމުދާނެ ކަމަށް ބެލެވޭ ލިސްޓްގައި ރާއްޖޭގެ ރިސޯޓެއް ހިމެނިއްޖެއެވެ.

މަޝްހޫރު ވިޔަފާރި މަޖައްލާ ފޯރބްސް މެގަޒިނުން ނެރުނު މި ލިސްޓްގައި ހިމެނެނީ އޭޝިއާ ސަރަޙައްދުގައި އަލަށް ހުޅުވުމަށް ހަމަޖެހިފައިވާ އެންމެ މަތީ ތަންތަނުގެ ތެރެއިން، ފަތުރުވެރިން ޒިޔާރަތް ކުރުމަށް އެންމެ ކަމުދާނެ ތަންތަނެވެ.

މި ލިސްޓްގައި ރާއްޖެއިން ހިމެނިފައިވަނީ ވެލްޑޯރފް އެސްޓޯރިއާ މޯލްޑިވްސްއެވެ. މި ރިސޯޓަކީ މާލޭ އަތޮޅު އިތާފުށީގައި މިއަހަރުގެ މާޗް މަހު ހުޅުވުމަށް ހަމަޖެހިފައިވާ ރިސޯޓެކެވެ. ފޯރބްސް މަޖައްލާއިން ބުނީ، މިއަހަރު ރާއްޖޭގައި ގިނަ ޢަދަދެއްގެ ރިސޯޓްތައް ހުޅުވުމަށް ތައްޔާރު ވެފައި ވީނަމަވެސް، މި ރިސޯޓަކީ އެންމެ ކަމުދާނެ ރިސޯޓްކަމަށް ބެލެވޭ ކަމަށެވެ.

ފޯރބްސް މަޖައްލާއިން ބުނާ ގޮތުގައި، މި ރިސޯޓުގެ އިތުރުން މިއަހަރުގެ ތެރޭގައި ހުޅުވުމަށް ތައްޔާރުވަމުންދާ ބައްޔޯނީ ރިސޯޓް މޯލްޑިވްސްއާއި އެމެރަލްޑް ރިސޯޓް އެންޑް ސްޕާއަކީވެސް ފަތުރުވެރިންނަށް މަޤްބޫލު މަންޒިލްތަކަށް ވާނެ ކަމަށެވެ.
ފޯރބްސް މަޖައްލާއިން އާންމުކޮށްފައިވާ މި ލިސްޓުގައި ދިވެހިރާއްޖޭގެ އިތުރުން އިންޑޮނޭޝިއާ، ޗައިނާ، ހޮންގކޮންގ، ސްރީލަންކާ އަދި ސިންގަޕޫރުގައި ހުޅުވުމަށް ހަމަޖެހިފައިވާ ރިސޯޓް ހޮޓާތައް ހިމެނެއެވެ.