ޚަބަރު

އދން ފަލަސްޠީނުގައި ހިންގާ ސްކޫލުތައް ބަންދުކުރަން އިސްރާއީލުން ނިންމުން


ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް އދން އުފައްދާފައިވާ ޚާއްޞަ ޖަމާޢަތުން ފަލަސްތީނުގައި ހިންގާ ސްކޫލުތައް 2020 ވަނަ އަހަރުގެ ކުރީކޮޅު ބަންދުކުރުމަށް އިސްރާއީލުން ނިންމާފައިވާ ނިންމުން ފަލަސްޠީނުގެ ސަރުކާރުން ކުށްވެރިކޮށްފިއެވެ.

އިސްރާއީލުން މިގޮތަށް ނިންމާފައި މިވަނީ އދގެ ޖަމާޢަތާ ދެކޮޅަށް އެމެރިކާއިން އަޅަމުންދާ ފިޔަވަޅުތަކަށް އެއްބާރުލުންދިނުމުގެ ގޮތުން ކަމަށާއި، ޢަމާޒަކީ ޤުދުސްގައި މި ޖަމާޢަތުން ހިންގާ އެކި އެކި ޕްރޮގްރާމްތައް ހުއްޓުވާލުން ކަމަށް ފަލަސްޠީނުގެ ޤުދުސާ ބެހޭ ވަޒީރު އަދްނާން ހުސައިނީ ވިދާޅުވިއެވެ. ހުސައިނީ ވިދާޅުވީ، އެމެރިކާ އާއި އިސްރާއީލުން މަސައްކަތްކުރަމުންދަނީ ޤުދުސްގެ މައްސަލަ އާއި ފަލަސްޠީނުގެ ރެފިއުޖީންގެ މައްސަލަ މަޝްވަރާ މޭޒުން މުޅިން ނެގުމަށްކަމަށެވެ.

އިސްރާއީލުގެ އިސްތިޢުމާރުގެ ސަބަބުން ފަލަސްތީނު ދޫކޮށް އެހެން ސަރަހައްދުތަކަށް ހިޖުރަކޮށްފައިވާ އެ ޤައުމުގެ ރައްޔިތުން އެ މީހުންގެ ވަޒަނަށް އެނބުރި އައުމަކީ ޤާނޫނީ ގޮތުން ސައްޙަ، އަސާސީ ޙައްޤެއް ކަމަށާއި، މި ޙައްޤު ހޯދުމުގައި ފަލަސްޠީނުގެ ރައްޔިތުން ފަހަތަށް ނުޖެހޭހެ ކަމަށް ޙުސައިނީ ވިދާޅުވިއެވެ.