ޚަބަރު

ރައީސް އިސްވެ، ލީޑަރުންގެ މެދުގައި އަވަސް މަޝްވަރާތަކެއް ބޭއްވުން މުހިންމު - ޢަލީ ހުޞައިން


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިސްނަންގަވައި ސަރުކާރު ކޯލިޝަނުގައި ތިއްބެވި ހަތަރު ލީޑަރުންނާއެކު އަވަސް މަޝްވަރާތަކެއް ބޭއްވުން ވަރަށް މުހިންމު ކަމަށް ޖުމްހޫރީ ޕާޓީއަށް ނިސްބަތްވަޑައިގަންނަވާ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުޞައިން ވިދާޅުވެއްޖެއެވެ. ޢަލީ ޙުޞައިން މިހެން ވިދާޅުވެފައި މިވަނީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ މައި ޕާޓީ އެމްޑީޕީއާއި ވަކިވެ، ކުރިއަށް އޮތް މަޖިލިސް އިންތިޚާބަށް އެހެން ޕާޓީތަކާއިއެކު ކޯލިޝަނެއް ހަދަން ތައްޔާރަށް ހުންނެވި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެފައިވަނިކޮށެވެ.

ޓްވިޓަރ މެދުވެރިކޮށް އަލީ ހުޞައިން ވިދާޅުވީ އުނދަގޫ ދަނޑިވަޅުތަކުގައި ވިސްނުން އިތުރަށް އިސްކުރަންޖެހޭ ކަމަށެވެ. އެގޮތުން ޤައުމާއި ރައްޔިތުންގެ ހައްޤުގައި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތްތަކާއި ގުޅޭގޮތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިސްވެ ކޯލިޝުގައި ހިނެނޭ ލީޑަރުންގެ މެދުގައި އަވަސް މަޝްވަރާތަކެއް ބޭއްވުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރު ކޯލިޝަނުގައި ހިމެނޭ މައި ޕާޓީއާއި ކޯލިޝަނުގައި ދެން ހިމެނޭ ޖުމްހޫރީ ޕާޓީއާއި ދެމެދު ވަނީ ދެބަސްވުންތަކެއް އުފެދިފައެވެ. ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ މެދުގައި ކަންބޮޑުވުން އުފެދިގެން އުޅެނީ މަޖިލިސް އިންތިޚާބުގައި ކޯލިޝަން އެކުގައި ވާދަ ކުރާނެ ގޮތަކާއިމެދު ޕާޓީތަކުގެ މެދުގައި ވަކި ގޮތަކަށް އެއްބަސް ނުވެވުމުންނެވެ.