ޚަބަރު

ފަރުވާއަށްފަހު އަދީބު އަނެއްކާވެސް ޖަލަށް ބަދަލުކޮށްފި


އައިޖީއެމްއެޗްގެ އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށްފަހު ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު އަނެއްކާވެސް ޖަަލަށް ބަދަލުކޮށްފިއެވެ.

ފަރުވާއަށް ފަހު އަދީބު ޖަލަށް ބަދަލުކޮށްފައި މިވަނީ މީގެ ކުރިން އޭނާ ގޭބަންދުގައި ބަހައްޓަން ދިން މުއްދަތު ހަމަވުމާއި ގުޅިގެން މިމަހުގެ ދެވަނަ ދުވަހު ޖަލަށް ބަދަލުކުރުމާއެކު ހާލު ސީރިއަސްވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށް 15 ދުވަސްވަންދެން ފަރުވާދިނުމަށްފަހުގައެވެ. ފުލުހުން ބުނީ މިއަދު އަދީބު ޖަލަށް ގެންދިއުމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް އެހީތެރިކަން ދީފައިވާކަމަށެވެ.

އަދީބު ޖަލަށް ބަދަލުކުރުމާއި ގުޅިގެން އަދީބުގެ އާއިލާއާއި އަދީބު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ އެމްޓީޑީން އަންނަނީ ކަނބޮޑުވުން ފާޅުކޮށް ސަރުކާރަށް ފާޑުކިޔަމުންނެވެ. ފަރުވާ ފުރިހަމަ ނުވަނީސް އަދީބު ޖަލަށް ބަދަލުކުރީ ޑޮކްޓަރުންނަށް ހޯމް މިނިސްޓަރ ނުފޫޒުފޯރުވައިގެންކަމަށް އަދީބު އައިލާއިން ތުހުމަތުކުރެއެވެ.

ކަރެކްޝަނަލް ސަރވިސުން ބުނެފައިވަނީ އަދީބު ހުންނަވަނީ މާފުށީ ޖަލުގައި ހުންނަ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުގައިކަމަށް އަދީބާމެދު ޢަމަލުކުރަނީ އިންސާނީ ކަރާމާތަށް އުނިކަމެއް ނާންނާނެ ގޮތަކަށް ކަމަށެވެ. މިގޮތުން ފަހުން ޖަލަށް ބަދަލުކޮށްފައި އަދީބު ބަހައްޓަވާފައިވަނީ މާފުށީ ޖަލުގައި ހުންނަ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުގައިކަމަށްވެސް ކަރެކްޝަނަލް ސަރވިސުން ވަނީ ބުނެފައެވެ.

ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އަވަހާރަކޮށްލަން އުޅުނު މައްސަލަ އާއި އެމްއެމްޕީއާރސީގެ ޙިޔާނާތުގެ މައްސަލަޢާއި ފިސްތޯލައެއް ގެންގުޅުނު މައްސަލާގައި އަދީބުގެ މައްޗަށްވަނީ 33 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ކިޑްނީގެ އޮޕރޭޝަނަކަށް ޖަލުން މާލެ ގެނެއުމަށްފަހު ގޭގައި ބެހެއްޓުމަށް ފަހު މިިދިޔަ މަހުގެ ދެވަނަ ދުވަހު އެވެ. ގޭ ބަނަދުގައި ހުންނެވި ދުވަސްވަރު އަހުމަދު އަދީބު ވަނީ އިސްވެ ހުންނަވާ ސީޔާސީ ޕާޓީއެއް އުފައްދަވާ ބައެއް ސިޔާސީ ހަރަކާތްތައް ހިންގަވާފައެވެ.