ކުޅިވަރު

މޮރާޓާ އެތްލެޓީކޯ މެޑްރިޑަށް


ޗެލްސީގެ ސްޕެއިން ފޯވަޑް، އަލްވާރޯ މޮރާޓާ، އެތުލެޓިކޯ މެޑްރިޑަށް ބަދަލުވާން ނިންމައިފިއެވެ.

ސްޕެއިންގެ މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުން ވަނީ މޮރާޓާއާއި އެތުލެޓިކޯއާ ދެމެދު އެއްބަސްވުމަކަށްވަނީ އާދެވިފައެވެ. އަދި ޗެލްސީން ގޮންޒާލޯ ހިގުއައިން ގެންދަން ކުރާ މަސައްކަތް ކާމިޔާބުވުމާއެކު ޑީލް ނިމޭނެއެވެ.

ހަބަރުތައް ބުނާގޮތުން ޗެލްސީން ހިގުއައިން ގެންދިޔުމަށް އެންމެފަހުގެ ތައްޔާރީތައް މިހާރުވަނީ ނިމިފައެވެ. އިއްޔެ މެޑިކަލްވެސް ނިންމާ، އެޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލަން ތައްޔާރުވެފައިވާ ކަމަށް އިނގިރޭސި މީޑިޔާތަކުން ބުނެއެވެ.
އުމުރުން 26 އަހަރުގެ މޮރާޓާ ޗެލްސީއަށް ސޮއިކުރީ 2017 ވަނަ އަހަރު 60 މިލިއަން ޕައުންޑްގެ ފީއަކަށެވެ. މި ސީޒަންގައި މޮރާޓާއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައިނުވާއިރު، އޭނާއަށް 24 މެޗުން ޖެހިފައި ވަނީ ނުވަ ގޯލެވެ.

ޗެލްސީއަށް މޮރާޓާ ގެންދިޔައީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ނަމަވެސް، އޭނާގެ ދަށް ކުޅުމާއެކު ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީވެސް ބުނެފައި ވަނީ ވީ އެންމެ އަވަހަކަށް އެ ޓީމަށް ފޯވަޑެއް ބޭނުންވާ ކަމަށެވެ.