ޚަބަރު

މަސްޢޫލިއްޔަތު ފުރިހަމަ ގޮތުގައި އަދާނުކުރާ ވެރިންނަށް ޤިޔާމަތްދުވަސް ވާނީ ހިތާމައަކަށް- ހުކުރު ޚުޠުބާ


ވެރިކަމުގެ މަސްޢޫލިއްޔަތު ފުރިހަމަ ގޮތުގައި އަދާނުކުރާ ވެރިންނަށް ޤިޔާމަތްދުވަހުން ހިތާމައާއި ހިތްދަތިކަން ހުރިކަމަށް ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މިސްކިތްތަކުގައި ދެއްވި ހުކުރު ޚުތުބާގައި ވިދާޅުވީ އެންމެ ބޮޑު އެއް އަމާނާތަކީ ވެރިކަން ކަމަށެވެ. ހުކުރު ޚުޠުބާގައިވަނީ ވެރިކަމުގެ އަމާނާތުގެ މުހިންމު ކަމާމެދު އިސްލާމްދީނުގައި ހަރުދަނާ އުސޫލުތަކެއް ކަނޑައަޅުއްވައި، ވެރިކަމުގެ އަމާނާތް ފުރިހަމައަށް އަދާކުރާނެ ގޮތުގެ އިރުޝާދު ދެއްވާފައިވާކަން ފާހަގަކުރައްވާފައެވެ.

"އަމާނާތްތަކުގެ ތެރެއިން އެންމެ ބޮޑު އެއް އަމާނާތަކީ ވެރިކަމުގެ އަމާނާތް. އެއީ އެންމެ އާދައިގެ އިދާރާތަކުން ފެށިގެން އެންމެ މަތީ ވެރިކަމާ ހަމައަށް. ވެރިކަމުގެ މަސްއޫލިއްޔަތު އަދާކުރަންޖެހޭ ގޮތަށް އަދާނުކޮށްފިނަމަ، ވެރިމީހާއަށް ޤިޔާމަތް ދުވަސް ހިތާމައަކަށް ނުވަތަ ހިތްދަތި ކަމަކަށް ވެގެންދާނެ." ޚުތުބާގައި ވިދާޅުވިއެވެ.

ޚުތުބާގައި ވަނީ އިސްލާމީ ޝަރީއަތުގައި މަސްއޫލުވެރިންގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށް ބާރު އަޅުއްވާފައިވާ މިންވަރު ހާމަކޮށް، އަމާނާތްތެރިކަމާއެކު ހައްޤުތަކުގެ ވެރިންނަށް އެ ހައްޤުތައް ހޯދައިދީ، އަމާނާތްތަކުގެ އަހުލުވެރިންނަށް އަމާނާތް ރައްދުކުރުމަށް ދީނުގައި ބާރުއަޅުއްވާފައިވާކަން ހާމަކުރައްވާފައެވެ. އަދި އެއީ ހުރިހާ މަސްލަހަތެއް ފުރިހަމަވެ، ފަސާދަތައް ނެތިގެންދާނެ ކަމެއް ކަމަށް ވެސް ޚުތުބާގައި ވަނީ ވިދާޅުވެފައެވެ.

"އިސްލާމްދީނުގައި ވަނީ އެމީހެއްގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމުގައި ފުރިހަމައަށް އަދުލުވެރިވުން ވާޖިބު ކުރައްވާފައި. ކޮންމެ މަގާމެއްގައި ހުރި މީހަކު ކަމުގައި ވީނަމަވެސް އޭނާގެ ބާރުގެ ދަށުގައިވާ ތަނެއްގައި އެއްވެސް ފަރާތަކަށް އަނިޔާވެރި ނުވުމަށް މުސްލިމުންގެ ކަންކަމާ ހަވާލުވާ ވެރިންނަށް ރަސޫލާ ވަނީ އިރުޝާދު ދެއްވާފައި." ޚުތުބާގައި ވިދާޅުވިއެވެ.

ހުކުރު ޚުތުބާގައި ވަނީ މުސްލިމުންގެ މައްޗަށް އިސްވާ ކޮންމެ މީހަކުވެސް އޭނާގެ ބެލުމުގެ ދަށުގައިވާ މީހުންނަށް ނަސޭހަތްތެރިވެ، އެމީހުންނަށް ޚިދުމަތްކުރުމުގައި އިޚްލާސްތެރިވުމަށް އިސްލާމީ ޝަރީއަތުގައި ބާރު އަޅުއްވާފައިވާ މިންވަރު ބަޔާންކުރައްވާ، އެ މީހުންގެ ބޭނުންތައް ފުއްދައިދިނުމުގައި ތެދުވެރިވުމަށް އިސްލާމް ދީނުގައި ވެރިންނަށް ބާރު އަޅުއްވާފައިވާ މިންވަރު ބާޔާންކުރައްވަފައެވެ.