ކުޅިވަރު

ވޯލްޑްކަޕްގަ 48 ޓީމް ބައިވެރިވާން ގައުމުތަކުން ތާއީދު، ދެ ބައްރެއްގަ އެއްފަހަރާވެސް ބޭއްވިދާނެ - އިންފަންތީނޯ


ގިނަ ޤައުމުތަކުން 48 ޓީމާއިއެކު ވޯލްޑްކަޕް ބާއްވަން ތާއީދުކުރާކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަތީނޯ ވިދާޅުވެއްޖެއެވެ.
ޤަތަރުގައި 2022ގައި އޮންނަ ވޯލްޑްކަޕްގައި 48 ގައުމު ބައިވެރިކުރުމާއި ގުޅޭގޮތުން ކުރެވޭ މަޝްވަރާތަކުގެ މައުލޫމާތު ހިއްސާކުރައްވަމުން އިންފަންތީނޯ ވިދާޅުވީ މިއީ ބޮޑު ޗެލެންޖެއްކަމަށާއި، ގިނަ ބައެއްގެ ވިސްނުން ބަދަލުކުރުމަށް ވަގުތުވެސް ބޭނުންވާކަމަށެވެ. އަދި 48 ޤައުމު ގަތަރު ވޯލްޑްކަޕްގައި ވާދަކުރާނަމަ އެހެން އަވައްޓެރި އެހެން ގައުމެއްގައި ބައެއް މެޗުތައް ކުޅެން ޖެހިދާނެކަމަށެވެ.
ގިނަ ގޮތް ގޮތުން ވިސްނަން ޖެހޭކަން ފާހަގަކުރަމުން އިންފަންތީނޯ ވިދާޅުވީ ނުވާނެކަމެއް ނޯންނާނެކަމަށާއި، ބޭނުންވަނީ އެންމެންގެ އެއްބާރުލުންކަމަށެވެ.
މިހާރު 2026ގެ ވޯލްޑްކަޕް ތިން ޤައުމަކުން ގުޅިގެން ބާއްވަން ނިންމާފައިވާއިރު، 2030ގެ ވޯލްޑްކަޕްވެސް ގިނަ ޤައުމުތަކަކުން ގުޅިގެން ބޭއްވުމަކީ ވަރަށް ރަނގަޅުކަމެއްކަމަށް އިންފަންތީނޯ ވިދާޅުވިއެވެ.
ފީފާގެ އެއްވެސް ގަވާއިދެއްގައި ވޯލްޑްކަޕް އޮންނަން ޖެހޭނީ އެއް ބައްރެއްގައި ކަމަށް ބުނެފައި ނޯންނާނެކަމަށާއި، ދެ ބައްރުގެ ދެ ޤައުމަށްވެސް އެއްފަހަރާ ވޯލްޑްކަޕް ބޭއްވިދާނެކަމަށް އިންފަންތީނޯ ވިދާޅުވިއެވެ.