ޚަބަރު

އައު މަންޙަޖަށް 147 ޕްރީ ސްކޫލް ޓީޗަރުން ތަމްރީނުކޮށްފި


ޕްރީ ސްކޫލްގެ ފައުންޑޭޝަން ސްޓޭޖްގެ މަންހަޖަށް ގެނައި ބަދަލުތަކަށް ޓީޗަރުން އަހުލުވެރިކުރުމަށް ކުރިއަށްގެންދިޔަ ތަމްރީން ޕްރޮގްރާމް މާލޭގެ 9 ޕްރީ ސްކޫލަކުން 147 ޓީޗަރަކު ފުރިހަމަކޮށްފިއެވެ.

މިމަހުގެ 13 އިން 17 އަށް ކުރިއަށްގެންދިޔަ މި ތަމްރީން ޕްރޮގްރާމަކީ އެޑިއުކޭޝަން މިނިސްޓަރީއާއި ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން، އެންއައިއީ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ތަމްރީން ޕްރޮގްރާމް ނިންމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ރިޔާޒު ވިދާޅުވީ، ޕްރީ ސްކޫލަކީ ތުއްތުކުއްޖާގެ އެންމެ ފުރަތަމަ އެދުރުގެ ކަމުގައިވާއިރު، އެކުދިންނަށް އެންމެ އެކަށޭނެ ގޮތެއްގައި ތަޢުލީމު ފޯރުކޮށްދިނުން ވަރަށް މުހިންމުކަމެއްކަމަށެވެ.

އެގޮތުން މި ތަމްރީން ޕްރޮގްރާމްގެ ޒަރިއްޔާއިން މުދައްރިސުން މާއްދާތަކެއް ކިޔަވައިދިނުމަށްވުރެ ބޮޑަށް ދަރިވަރުން ދިރިއުޅުމަށް ތައްޔާރުކުރުމަށް ބާރުއެޅުމަށް ކުރިއަށްގެންދެވޭނެ ހަރަކާތްތަކެއް ކިޔައިދީފައިވާކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުގެ އުންމީދަކީ މި ތަމްރީނަކީ ވަރަށްވެސް ފައިދާހުރި ތަމްރީނަކަށް ވާނެކަމަށް. އެގޮތުން މި ތްމްރީނުން ލިބުނު މަޢުލޫމާތުގެ ފުރިހަމަ ބޭނުން ހިފާ ކްލާސްތަކުގެ ޕްލޭންކުރާނެކަަށް އަޅުގަނޑު އުންމީދުކުރަން." ސްޓޭޓް މިނިސްޓަރ އަހުމަދު ރިޔާޒު ވިދާޅުވިއެވެ.

ފަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި ކިޔަވާދީފައިވަނީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން، އެންއައިއީގެ ލެކްޗަރާއިންނެވެ. ޕްރީ ސްކޫލްގެ ފައުންޑޭޝަން ސްޓޭޖްގެ މަންހަޖަށް ގެނައި ބަދަލުތަކަށް އަހުލުވެރިކުރުމަށް މިފަދަ ތަމްރީނު ޕްރޮގްރާމްތަށް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން މަޢުލޫމާތުދެއެވެ.