ޚަބަރު

ޕީޕީއެމްގެ މިލްކުވެރި ފަރާތް ކަނޑައެޅުމުގެ މައްސަލަ މާދަމާ ފަށަނީ


ޕީޕީއެމްގެ މިލްކްވެރިފަރާތް ސާބިތު ކުރުމަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދާ ޝަރީއަތުގެ މަޖިލިސް މާދަމާއަށް ތާވަލުކޮށްފިއެވެ.

ޕީޕީއެމްގެ ބާރުތައް ކުރީގެ ރައީސް މައުމޫނާ ޙަވާލު ކޮށްދިނުމަށްއެދި ޕީޕީއެމްގެ ޢާއްމު މެމްބަރަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ފައިލް ސުޕްރީމް ކޯޓުން ވަނީ ގެންދަވާފައެވެ. މިދިޔަ ހޯމަ ދުވަހު މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް ބާއްވާފައިވާއިރު މިމައްސަލައިގެ ޝަރީއަތް މާދަމާ ހެދުނު ދިހަގަޑި ފަނަރާގައި ފެށުމަށް ވަނީ ތާވަލްކޮށްފައެވެ.

ޕީޕީއެމްގެ ޢާއްމު މެމްބަރަކު ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ، ޕާޓީ ހިންގެވުމުން މައުމޫން އެކަހެރި ކުރެއްވީ ޤާނޫނުތަކާއި ޕާޓީގެ އަސާސީ ޤަވާއިދާވެސް ޚިލާފަށް ކަމަށް ބުނެއެވެ. ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުން ބެއްލެވުމަށް ހަމަޖެހިފައިވާ މި މައްސަލައިގެ ތެރެއަށް ތަދައްޚުލްވުމަށް ރައީސް މައުމޫން ވަނީ ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފައެވެ. ނަމަވެސް ކޯޓުން އެ ފުރުސަތު ދެއްވިކަން އަދި ހާމަކުރައްވާފައެއް ނުވެއެވެ.

ޕީޕީއެމްގެ އަސާސީ ޤަވާއިދުގައި ޕާޓީގެ ރައީސް މަޤާމުން ވަކިކުރެވޭނީ އެ ޕާޓީގެ ޤައުމީ ޖަލްސާއިން ފާސްވެގެންކަމަށް އޮތްއިރު، އެކަން ނިންމާފައިވަނީ ޤަވާއިދާ ޚިލާފަށްކަމަށް ބުނެ ރައީސް މައުމޫން ވަނީ އެމަނިކުފާނަކީ އަދިވެސް އެޕާޓީގެ ރައީސް ކަމަށް ކަނޑައަޅައި ދިނުމަށް އިލެކްޝަންސް ކޮމިޝަނުގައިވެސް އެދިވަޑައިގެންފައެވެ.

ޕީޕީއެމްގެ ލީޑަޝިޕް ރައީސް މައުމޫންގެ އަތްޕުޅުން ނަގައި، ރައީސް ޔާމީނާ ހަވާލުކުރީ ވެސް ސިވިލް ކޯޓުގެ ހުކުމަކުންނެވެ. އެ ހުކުމަށް ހައިކޯޓުން ތާއިދުކުރި ނަމަވެސް ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައެއް ނުގަނެއެވެ.

ޕީޕީއެމްގެ ލީޑަޝިޕްގެ މައްސަލަ ކޯޓުގައި އޮތުމުން އެޕާޓީގެ މިހާރުގެ ރައީސް ޔާމީނާއި އެމަނިކުފާނަށް ތާއިދުކުރާ ފަރާތްތަކުން ވަނީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށްތަވާފައެވެ.