ޚަބަރު

ކުޅުދުއްފުށީގައި އަލަށްހަދާ ބަނދަރުގެ ޢަމަލީ މަސައްކަތް ފަށައިފި


ކުޅުދުއްފުށީ ވެލިގަނޑު ސަރަހައްދުގެ މޫނުމަތި ތަރައްގީކޮށް އެސަރަހައްދުގެ ބަނދަރު ބޮޑުކުރުމުގެ މަސްރޫއުގެ ޢަމަލީ މަސައްކަތް އެމްޓީސީސީން މިއަދު ފަށައިފިއެވެ.

ކުޅުދުއްފުށީގެ ފަޅު ހިއްކާފައިވަނީ 2010 ވަނަ އަހަރު އެވެ. އަދި އޭރުވަނީ އެސަރަހައްދު ތަރައްޤީކުރާނެ ގޮތުގެ ޕްލޭނެއްވެސް ހަދައި ޢާންމުކޮށްފައެވެ. ނަމަވެސް މިހާތަނަށް އައިއިރުވެސް އެމަޝްރޫއުގެ އަމަލީ މަސައްކަތް ވަނީ ނުފެށިއެވެ.

އޭޑީބީގެ ހިލޭ އެހީގެ ދަށުން ތަރައްގީކުރާ މިބަނދަރަކީ 1100 ފޫޓް ދިގު 500 ފޫޓް ފުޅާ ބަނދަރެކެވެ. މި މަޝްރޫއުއަކީ 126.9 މިލިއަން ރުފިޔާގެ މަޝްރޫއުއެއް ކަމަށް އެމްޓީސީސީއިން މައުލޫމާތުދެއެވެ.

މި މަޝްރޫއުގައި މުދާ އުފުލުމާއި ދަތުރުވެރިންނަށް ޚާއްސަ ބަނދަރެއް ހަދައި އައު ނެރެއް ކެނޑުން ހިމެނޭއިރު، ކުދި އުޅަނދުފަހަރަށް ވަކި ޖެޓީތަކެއް ހެދުމާއި މުދާ އުފުލައި ބޭލުމަށް ރޭމްޕެއް ހެދުންވެސް ހިމެނެއެވެ. އަދި ބަނދަރު ބޭރުތޮށީގައި އޮޑިދޯނިފަހަރު އަޅާއިރު ބަނދަރުގެ އަރިމަތީ ތޮށީގައިވެސް ޖެޓީތަކެއް ލާފައި ހުންނާނެއެވެ.

ފެރީ ޓާމިނަލްގެ ޢިމާރާތަކާއި ފެރީ އޮޕަރޭޓްކުރާ ފަރާތްތަކަށް ޓިކެޓް ކައުންޓަރުތައް ހެދުމާއި، އޮފީސްތަކާއި ފިހާރައެއްގެއިތުރުން ކޮންވޭނިއަންސް ސްޓޯރު ކެފޭއާއި، މައިންނަށް ޚާއްސަ ސަރަހައްދެއް ތަރައްޤީ މިމަޝްރޫޢުގައި ހިމަނާފައިވެއެވެ.

އެމްޓީސީސީން ވިދާޅުވީ ކުދި އުޅަނދު ފަހަރު ބޭނުންކުރުމަށާއި މޫދު ކުޅިވަރުތައް ކުޅުމަށް ވޯޓަރ ފްރަންޓް ޒޯނެއް ތަރައްޤީކޮށް، މަސްމާރުކޭޓެއް ހެދުމާއި މަސްކަނޑާތަނެއް ހެދުމާއި މަސްވެރިނަށް ފާޚާނާއާއި ފެންވެރޭނެ އިންތިޒާމު ހަމަޖެއްސުންވެސް މިމަޝްރޫޢުގައި ހިމެނޭކަމަށެވެ.