ޚަބަރު

މަޖިލިސް އިންތިޚާބު ބާއްވަން ބަޖެޓް ލިބުމުގައި ދަތިތަކެއް ކުރިމަތިވެއްޖެ


ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ބޭނުންވާ ޢަދަދަށް ބަޖެޓް ނުލިބިއްޖެނަމަ އިންތިޚާބު ބޭއްވިދާނެކަމާމެދު ސުވާލު އުފެދިއްޖެއެވެ.

މިއަހަރަށް ލަފާކޮށް އިލެކްޝަންސް ކޮމިޝަނަށް 80 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅިނަމަވެސް، އިލެކްޝަން ކޮމިޝަނުން ވަނީ، މިއަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮތުމާއެކު 123 މިލިއަން ރުފިޔާ މަދުވެގެން ބޭނުންވާނެކަމަށް ބަޖެޓް ކޮމިޓިގައިވެސް ކުރިންވެސް ހާމަކުރައްވާފައެވެ. އަދި އެ ޢަދަދަށް ބަޖެޓް ހަމަޖައްސައި ނުދީފިނަމަ އިންތިޚާބު ބޭއްވުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ދަތިވާނެކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ކުރިން ވިދާޅުވެފައިވެއެވެ.

ފަހުން ވަނީ އިލެކްޝަންސް ކޮމިޝަންގެ ބަޖެޓަށް 9.2 މިލިއަން ރުފިޔާ އިތުރުކޮށްދީ ބަޖެޓް ފާސްކޮށްދެއްވާފައެވެ. އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވީ، އެ ކޮމިޝަންގެ ބަޖެޓަށް 9.2 މިލިއަން ރުފިޔާ މަޖިލީހުން އިތުރުކޮށްދެއްވި ނަމަވެސް ބަޖެޓް ރިޕޯޓްގައި އެކަން ހިމަނުއްވާފައި ނުވާކަމަށް ފިނޭންސް މިނިސްޓްރީން އެކޮމިޝަނަށް އަންގަވާފައިވާކަމަށެވެ. އެހެންކަމުން އެކަމުގެ ދަތިތަކާއި އެ ކޮމިޝަނުން ކުރިމަތިލާންޖެހިފައިވާކަމަށާ، އެކަން ހައްލުކުރުމަށް މިހާރު މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ.

މި މައްސަލައާ ގުޅިގެން އިލެކްޝަނސް ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމާ ބައްދަލުކޮށް އެކަމަށް ހައްލެއް ހޯދުމަށް މަޝްވަރާ ކުރައްވާފައެވެ، އަދި އިންތިޚާބަށް ހުރަސްއެޅޭ ކަންކަން ވިޔަ ނުދިނުމަށް މަޖިލީހުން މަސައްކަތްކުރައްވާނެކަމުގެ ޔަޤީން މަޖިލީހުގެ ރައީސް ދެއްވާފައިވާކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ އޭޕްރީލް މަހުގެ ތެރޭގައެވެ. އިންތިޚާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ކަނޑައެޅުމަށް ސިޔާސީ ޕާޓީތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. އިލެކްޝަންސް ކޮމިޝަނުންވަނީ މިމަހުގެ ފަހުކޮޅު މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ފުރުޞަތު ހުޅުވާލާނެކަމަށް ވިދާޅުވެފައެވެ.