ކުޅިވަރު

ޕީޓަރ ޗެކް ކުޅުން ހުއްޓާލަނީ


އާސެނަލް އަށް ކުޅޭ ޗެކްރިޕަބްލިކްގެ ކިޕަރު ޕީޓަރ ޗެކް ކުޅުން ހުއްޓާލަން ނިންމައިފިއެވެ.
އުމުރުން 36 އަހަރުގެ ކީޕަރުން ކުޅުން ހުއްޓާލަން ނިންމިއިރު އޭނާ އަށް މިހާރު ފުރުސަތު ލިބެމުން އަންނަނީ އާސެނަލްގެ ބެންޗުންނެވެ. ނަމަވެސް އާސެނަލް އަށް ބަދަލުވުމުގެ ކުރިން ޗެލްސީގައި 11 އަހަރުގެ ކާމިޔާބު ދުވަސްތަކެއް އޭނާ ވަނީ ހޭދަކޮށްފައެވެ.
މި ގޮތުން ޗެކް ވަނީ ޗެލްސީގައި 13 ތަށި ހޯދައިފައި. މީގެ ތެރޭގައި ޕްރިމިއާރ ލީގު ހަތަރު ފަހަރު ހޯދުމާއި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުން ފާހަގަކޮށްލެވެއެވެ.
އޭނާ ބުނީ އިނގިރޭސި ލީގުގައި ހުރެ ލިބެން ހުރި ހުރިހާ ކާމިޔާބީއެއް ހޯދިފައިވާ ކަމަށާއި އެކަމާ އުފާ ކުރާ ކަމަށެވެ. އަދި އޭނާގެ ކެރިއަރުގެ 20 އަހަރު ތެރެއިން 90 ޕަސެންޓް އަހަރުތައް އިނގިރޭސި ލީގުގައި ހޭދަކުރުމަކީ ވަރަށް ބޮޑު އަދި އުނދަގޫ މަސައްކަތެއް ކަމަށެވެ.
ޗެކް ކުޅުން ހުއްޓާލަން ނިންމުމުން ޗެލްސީ އާއި އާސެނަލްއިން ވެސް ވަނީ އޭނާ ތައުރީފްކޮށްފައެވެ. އަދި އެކުގައި ކުޅުނު ކުޅުންތެރިން ވެސް ވަނީ އޭނާ އަށް ތައުރީފްކޮށް، ކުރިމަގުގައި ކާމިޔާބީ އަށް އެދޭކަމަށް ބުނެފައެވެ.