ކުޅިވަރު

ޒުވާނުންނަށް ބޭނުން ހިފޭ ކުޅިވަރުގެ ގިނަތަންތަންވަނީ އަޅާނުލާ ދޫކޮަށްލާފަ - ޔޫތް މިނިސްޓަރ


ޒުވާނުންނަށް ބޭނުން ހިފޭނެ ކުޅިވަރުގެ ގިނަ ކޯޓްތަކާއި ދަނޑުތަށްވަނީ އަޅާނުލާ ދޫކޮަށްލެވިފައިކަމަށް ޔޫތް މިނިސްޓަރ އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓް އަހްމަދު މަޚްލޫފް މިހާރު އައްޑޫ ސިޓީއަށް ކުރައްވަމުންގެންދާ ދަތުރުފުޅުގައި ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި މިނިސްޓަރ ވިދާޅުވީ އައްޑޫސިޓީގައި ޒުވާނުންނަށް ބޭނުން ހިފޭނެ ފުޓްބޯޅަ ދަނޑުތަކާއި ވޮލީ ކޯޓްތަކާއި އަދި ބަށި ކޯޓްތަށްވަނީ އަޅާނުލާ ދޫކޮަށްލެވިފައިކަމަށާއި މިތަންތަން މިހާރު ވަރަށް ބޮޑަށް މާރާމަތުކުރަންޖެހޭކަމަށެވެ. އަދި މިހާރު އައްޑޫސިޓީގައި ހުރި ކުޅިވަރުގެ ވަސީލަތްތައް ބޭނުންކޮށްގެން ޒުވާނުން ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމާއި، ޒުވާނުންނަށްޓަކައި ގިނަ ކަންތައްތަކެއް ކުރިއަށްއޮތްތަނުގައި ރޭވިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިދަތުރުގައި ކައުންސިލާ ބައްދަލުކޮށް އިޖްތިމާއި މަރުކަޒުތައް ބަލާލެވިފައިވަނީ. އެންމެފުރަތަމަ ކަމަކަށް ފެންނަނީ، މިތަންތަން ސަލާމަތްކުރުމަށް މަސައްކަތްކުރަމުން މިދަނީ. މިކަންތަކާ އަޅާނުލެވިއްޖެނަމަ ދެންވެގެންދާނެ ގެއްލުން ބޮޑުވެދާނެ. މިހާރުން މިހާރަށް ރަށްރަށުގެ ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ކޮށްދިނުމަށް މަސައްކަތްކުރާނަން."

އައްޑޫ ސިޓީއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ޔޫތް މިނިސްޓަރ ވަނީ އައްޑޫސިޓީ ކައުންސިލާއި އަދި ޒުވާނުންނާއި ބައްދަލުކުރައްވައި އައްޑޫގައި ޒުވާނުންނަށް ހުރި ފުރުޞަތުތަކާއި، ކުޅިވަރު ހަރަކާތްތައް އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި އައްޑޫސިޓީގެ ކުޅިވަރުކުޅުމަށް ބޭނުންކުރަމުންގެންދާ ދަނޑުތަކަށާއި އިޖްތިމާއި މަރުކަޒުތަކަށް ޒިޔާރަތްކޮށް އެތަންތަނުގެ މުވައްޒަފުންނާއި ބައްދަލުކުރައްވާ ހުރި ދަތިތަކެއް އޮޅުންފިލުވާލައްވާފައެވެ.
މީގެއިތުރުން މިނިސްޓަރ ވިދާޅުވީ އައްޑުގެ ޒުވާނުނަށް އަމާޒުކޮށްގެން ތަފާތު ކުޅިވަރު ހަރަކާތްތަކެއް ހިންގެވުމަށް މަސައްކަތްކުރައްވާނެކަމަށެވެ.