ވިޔަފާރި

ރެފްލްސް މޯލްޑިވްސް މެރަދޫ ރިސޯޓް އަންނަ މަހު ހުޅުވަނީ


ސިންގަޕޫރުގެ ހޮޓެލް ޗެއިނެއް ކަމަށްވާ އެކޯ ހޮޓެލްސްގެ އެންމެ އަގުބޮޑު ބްރޭންޑް ރެފްލްސް ބުރޭންޑުން ރާއްޖޭގައި ހުޅުވާ ފުރަތަމަ ރިސޯޓު 'ރެފްލްސް މޯލްޑިވްސް މެރަދޫ ރިސޯޓް' އަންނަ މަހުގެ އެއްވަނަ ދުވަހު ހުޅުވަން ތައްޔާރުވެއްޖެއެވެ.

ގއ.މެރަދޫގައި ޖުމައިރާ ދެވަނަފުށީގެ ގޮތުގައި ކުރިން ހިންގަމުން އައި ރިސޯޓު، "ރެފްލްސް މޯލްޑިވްސް މެރަދޫ ރިސޯޓް"ގެ ނަމަށް ރީބްރޭންޑްކޮށް ހުޅުވާއިރު ތަފާތު އެތައް ކަމެއް އެ ރިސޯޓުން މިހާރު ފެންނަން ހުންނާނެ ކަމަށް ރެފްލްސް ހޮޓެލްސް އެންޑް ރިސޯޓްސް އިން ބުނެއެވެ.

38 ކޮޓަރީގެ މި ރިސޯޓުގައި ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ސްޕާއަކާއި ރެފްލްސް ބްރޭންޑުގެ ޙާއްސަ 'ލޯންޖު ބާ' އެއްވެސް ހުރެއެވެ.

ދުބާއީ ހޯލްޑިންސްއިން ޖުމެއިރާ ދެވަނަފުށީގެ ނަމުގައި ކުރިން ހިންގަމުން ދިޔަ މި ރިސޯޓު އަލުން ރީ-ބްރޭންޑްކޮށް، ރިސޯޓު ހިންގުމާއި އެކޯ ހޮޓެލްސްއިން ހަވާލުވެފައިވަނީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ. ގިނަ ބަދަލުތަކަކާއެކު ރެފްލްސް މޯލްޑިވްސް މެރަދޫ ރިސޯޓު އަލުން ހުޅުވުމަށް ހަމަޖެހިފައިވަނީ 5 ތަރީގެ ރިސޯޓެއްގެ ގޮތުގައެވެ.