ޚަބަރު

ފަސް އަހަރު ނިމުނުއިރު ރައީސް ޔާމީން މާލީ ބަޔާން ހުށަހެޅުއްވީ ދެ ފަހަރު


ފަސް އަހަރުގެ ރިޔާސީ ދައުރެއް ނިމިގެން ދިޔައިރު ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މާލީ ބަޔާން ހުށަހަޅާފައި ވަނީ އެންމެ ދެ ފަހަރު ކަމަށް އޮޑިޓް އޮފީހުން ނެރުނު ރިޕޯޓަކުން ހާމަވެއްޖެއެވެ.

ދެހާސް ތޭރަވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 17ވަނަ ދުވަހުން ފެށިގެން 2018ވަނަ އަހަރުގެ ނޮވެމްބަރ 17ވަނަ ދުވަހާއި ހަމައަށް މާލީ ބަޔާން ހުށަހަޅަން ޖެހޭ ފަރާތްތަކާއި ގުޅޭ މަޢުލޫމާތާއި މާލީ ބަޔާން ހުށަހަޅާފައިވާ ބޭފުޅުންނާއި ހުށަނާޅާ ފަރާތްތަކުގެ މަޢުލޫމާތު އޮޑިޓް އޮފީހުން މިއަދު ވަނީ ހާމަކޮށްފައެވެ.

އެ ރިޕޯޓުގައިވާ ގޮތުގައި ފަސް އަހަރުގެ ރިޔާސީ ދައުރެއް ނިމިގެން ދިޔައިރު ރައީސް ޔާމީން މާލީ ބަޔާން ހުށަހަޅާފައި ވަނީ އެންމެ ދެ އަހަރުއެވެ. އެއީ 2014ވަނަ އަހަރާއި 2018ވަނަ އަހަރު އެކަންޏެވެ. 2018ވަނަ އަހަރު އެމަނިކުފާނު މާލީ ބަޔާން ހުށަހެޅުއްވީ ދައުރު ނިމުމުގެ ދެ ދުވަސް ކުރިންނެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ތިން ބޭފުޅަކު ވަނީ ނާއިބު ރައީސްކަން ކުރައްވާފައެވެ. އޭގެތެރެއިން ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ނާއިބު ރައީސްކަމުގެ މަޤާމުގައި ހުންނެވިއިރު މާލީ ބަޔާން ހުށަހަޅުއްވާފައި ވަނީ އެންމެ އަހަރަކުއެވެ. އެއީ 2014ވަނަ އަހަރުއެވެ. 2015ވަނަ އަހަރުގެ މެދެއްހައި ހިސާބުގައި އެމަނިކުފާނު ވަނީ މަޤާމުން ދުރުކޮށްފައެވެ. ނާއިބު ރައީސްކަމުގައި ދެން ހުންނެވީ އަޙްމަދު އަދީބް ޢަބްދުލްޣަފޫރެވެ. އެމަނިކުފާނު މާލީ ބަޔާން ހުށަހަޅުވާފައި ނުވާއިރު ވެރިކަމުގެ ފަހު ތިން އަހަރު ރައީސް ޔާމީންގެ ނާއިބެއްގެ ގޮތުގައި ހުންނެވި ޢަބްދުﷲ ޖިހާދު ވެސް މާލީ ބަޔާން ހުށަހަޅުއްވާފައެއްނުވެ އެވެ.

ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި ތިން އަހަރުގެ ތެރޭގައިވެސް އަދީބު މާލީ ބަޔާން ހުށަހަޅުއްވާފައެއްނުވެއެވެ. އަދި ފިނޭންސް މިނިސްޓަރަކަށް ހުންނެވިއިރު ޢަބްދުﷲ ޖިހާދުވެސް މާލީ ބަޔާން ހުށަހަޅުއްވާފައެއްނުވެއެވެ.

  • މާލީ ބަޔާން އެއްގޮތަކަށްވެސް ހުށަނާޅުއްވާ މިނިސްޓަރުން:
  • * އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި މުޙައްމަދު ސަޢީދު
  • * ޔޫތު މިނިސްޓަރުކަން ކުރެއްވި އިރުތިޝާމް އާދަމް
  • * ހެލްތު މިނިސްޓަރުކަން ކުރެއްވި ޢަބްދުﷲ ނާޒިމް
  • * ހޯމް މިނިސްޓަރުކަން ކުރެއްވި އަޒްލީން އަޙްމަދު
  • * ޓްރާންސްޕޯޓް މިނިސްޓަރުކަން ކުރެއްވި އަމީން އިބްރާހީމް
  • * ޔޫތު މިނިސްޓަރުކަން ކުރެއްވި މުޙައްމަދު މަލީހު ޖަމާލް
  • * ޑިފެންސް މިނިސްޓަރުކަން ކުރެއްވި މޫސާ އަލީ ޖަލީލް

ރައީސް ޔާމީނާއި އެމަނިކުފާނު ސަރުކާރުގައި ހިމެނިވަޑައިގެންނެވި ވަޒީރުންގެ މާލީ ބަޔާން ހާމަކޮށްފައި ނުވާއިރު ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ ނާއިބު އަދި ވަޒީރުންގެ މާލީ ބަޔާންތައް ދާދިފަހުން ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ. ބައެއް ފަރާތްތަކުން އެ މާލީ ބަޔާންތަކަށް ފާޑުކިޔަމުން އަންނައިރު އަނެއްބައި ފަރާތްތަކުން އަންނަނީ ރައީސް ޞާލިޙުގެ ސަރުކާރުން އެފަދަ ކަމެއް ކުރެއްވުމުން ތަޢުރީފް ކުރައްވާފައެވެ.