ޚަބަރު

ޑަބްލިއު ކޮންސްޓްރަކްޝަނަށް ހުއްދަ ދިނީ ޖޫރިމަނާ ކުރާގޮތަށް


ޑަބްލިއު ކޮންސްޓްރަކްޝަނަށް އިމާރާތްކުރުމުގެ ހުއްދަ އަލުން ދީފައިވަނީ އެކުންފުނި ޖޫރިމަނާކުރުމަށް ނިންމުމަށްފަހުކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އަޙްމަދު ޒަމީރު ވިދާޅުވީ ޑަބްލިއު ކޮންސްޓްރަކްޝަންގެ އިމާރާތްކުރުމުގެ ހުއްދަތައް ބާޠިލުކުރުމަށްފަހު، އެ ހުއްދަތައް އަނބުރާ ދޭން ނިންމާފައިވަނީ އެކުންފުނި ޖޫރިމަނާ ކުރުމަށް ނިންމައި އެކަން އެކުންފުންޏަށް އެންގުމަށްފަހު ކަމަށެވެ. ނަމަވެސް ޖޫރިމަނާ ކުރާ ޢަދަދު މިހާތަނަށް ކަނޑައަޅާފައި ނުވާކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. ކައުންސިލްގެ މެންބަރު ޒަމީރު ވިދާޅުވީ ޑަބްލިއު ކޮންސްޓްރަކްޝަން ޖޫރިމަނާ ކުރާ ޢަދަދު ކަނޑައަޅާނީ އެ ކުންފުނިން އިހުމާލުވެފައިވާ މިންވަރަށް ބަލައި ސިޓީ ކައުންސިލްގެ މެންބަރުންގެ މެދުގައި މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން ޑަބްލިއު ކޮންސްޓްރަކްޝަން ކުންފުންޏަށް ދީފައިވާ ޢިމާރާތް ކުރުމުގެ ހުއްދަތައް ބާޠިލުކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު އެކުންފުނިން ހަދަމުންދިޔަ ޢިމާރާތަކުން ސިމެންތި ބަސްތާއެއް ވެއްޓި ކުޑަކުއްޖަކު މަރުވުމާ ގުޅިގެންނެވެ. މި ޙާދިސާގައި މަރުވެފައިވަނީ އުމުރުން 9 އަހަރުގެ ބަންގްލަދޭޝް އަންހެންކުއްޖެކެވެ.

މި ޙާދިސާއާ ގުޅިގެން ޑަބްލިއު ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަށް ބައެއް ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ. އަދި އެކުންފުންޏަށް އިމާރާތްކުރުމުގެ ހުއްދަ އަނބުރާ ދޭން ނިންމުމާ ގުޅިގެން، ހުއްދަ ދޭން ނިންމި ސަބަބާއި، އެޅި ފިޔަވަޅު އާންމުކުރުމަށް މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީންވެސް ވަނީ ގޮވާލާފައެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ އެ ޙާދިސާ ހިނގާފައިވަނީ އެ ކުންފުނިން ގަވާއިދާއި ޚިލާފަށް މަސައްކަތްކުރަމުންދިޔަ ސައިޓެއްގައި ކަމަށެވެ. އެގޮތުން ހޯދަންޖެހޭ ބައެއް ހުއްދަތައް ނުހޯދުމާއި، ސައިޓުގައި ފެންނަން ހުންނަންޖެހޭ ބައެއްލިއުންތައް ނެތުމާއި، ބޯޑު ބެހެއްޓުމުގައިވެސް އިހުމަލުވެފައިވާކަމަށް ސިޓީ ކައުންސިލުން ކުރިން ބުނެފައިވެއެވެ. ނަމަވެސް ޑަބްލިއު ކޮންސްޓްރަކްޝަނުން ބުނީ އެކުންފުނިން މަސައްކަތް ކުރަމުންދަނީ ގަވާއިދާ އެއްގޮތަށްކަމަށެވެ.

މިދިޔަ މަހުގެ 16 ވަނަ ދުވަހު ހިނގި މި ޙާދިސާއަށްފަހު މާލެ، ހުޅުމާލެ އަދި ވިލިނގިލީގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރާ ތަންތަނުގެ އިންސްޕެކްޝަނެއް ޕްލޭނިންގ މިނިސްޓްރީން ވަނީ ހަދާފައެވެ.