ޚަބަރު

ކީ ސްޓޭޖް ހަތަރަކަށް މުދައްރިސުން ތަމްރީނު ކުރަން ފަށައިފި


ކީ ސްޓޭޖް ހަތަރަކަށް މުދައްރިސުން ތަމްރީންކުރުމަށް ޚާއްޞަ މަސައްކަތު ބައްދަލުވުމެއް ފަށައިފިއެވެ.

ތައުލީމީ އައު މަންޙަޖުގެ ކީ ސްޓޭޖް ހަތަރެއްގައި ހިމެނެނީ ގްރޭޑް 9 އަދި 10 އެކެވެ. ކީ ސްޓޭޖް 4 އަށް ކިޔަވައިދޭން ފަށާފައިވަނީ މި ފެށި ދިރާސީ އައު އަހަރުއެވެ. އެގޮތުން މިއަހަރު ގްރޭޑް 9 އަކަށް އައު މަންޙަޖަށް ކިޔަވައިދޭން ފަށާފައިވާއިރު ގްރޭޑް 10 އަކަށް އައު މަންޙަޖަށް ކިޔަވައިދޭން ފަށާނީ އަންނަ އަހަރުއެވެ. ކީސްޓޭޖް 4 އަށް ޓީޗަރުން ތަމްރީން ކުރުމަށް ފެށި މި ވޯރކްޝޮޕްގައި ރާއްޖޭގެ އެކި ސްކޫލްތަކުން ގިނަ އަދަދެއްގެ މުދައްރިސު ބައިވެރިވެއެވެ.

މި ވޯރކްޝޮޕްގައި އައު ކީ ސްޓޭޖަށް ޓީޗަރުން އަހުލުވެރިކުރުވުމާއި، ކިޔެވުމުގެ ނިޒާމަށް އަންނަ ބަދަލުތަކާއި، މި ބަދަލުތަކާއެކު ދަރުވަރުންނަށް ކިޔަވައިދޭނެ ގޮތްތަކާ ގުޅޭގޮތުން ޓީޗަރުންނަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގައި ފެށި މި މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއެވެ. މި މަސައްކަތު ބައްދަލުވުން ފެށުމުގެ ގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވީ މިފަދަ ތަމްރީން ޕްރޮގްރާމްތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް ކޮންމެ މުދައްރިސަކުވެސް މަސައްކަތް ކުރަންޖެހޭކަމަށެވެ. އަދި ވޯރކްޝޮޕުން ދަސްވި ކަންކަން ދަރިވަރުންނަށް ފުރިހަމައަށް އުންގަންނައިދިނުމާއި، ވޯކްޝޮޕުން ތަމްރީނުވާ މުދައްރިސުން، އެހެން މުދައްރިސުން އައު މަންޙަޖަށް އަހުލުވެރިކުރުމަށް މަސައްކަތް ކުރުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

"ވޯރކްޝޮޕް ނިމުނުނަމަވެސް ދަސްވި ކަންކަން ދޫކޮށްލައިގެން ނުވާނެ. އަމާޒަކަށް ވާންވާނީ އެހެން ޓީޗަރުންނާ މަޢުލޫމާތު ޙިއްޞާކޮށް ފުރިހަމައަށް މަންހަޖަށް އަމަލުކުރުން." މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ރަޝީދު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ހަމައެކަނި ދަރިވަރުންނަށް ރަނގަޅު މާރކްސްއެއް ހޯދައިދިނުން ނޫންކަމަށާއި، ދިއުޅުމުގެ ހުނަރުތަކާއެކު މަސައްކަތްތެރި ދަރިވަރުންތަކެއްގެ ގޮތުގައި ދަރިވަރުން ސްކޫލް ނިންމުންކަމަށެވެ.

މި ވޯރކްޝޮޕް ކުރިއަށްގެންދަނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނާއި، ޔުނިސެފް އަދި ކެމްބްރިޖް ޔުނިވަރސިޓީ ޕްރެސް ގުޅިގެންނެވެ.