ޚަބަރު

ޢިމާރާތް ކުރުމާބެހޭ ޤަވާއިދުތައް އަންނަ މަހު ޢާންމުކުރާނަން - އަސްލަމް


ޢިމާރާތްކުރުމާ ގުޅޭ ހުރިހާ ޤަވާއިދެއް ނިންމައި، އަންނަ ފެބްރުއަރީ މަހުގެ 15ވަނަ ދުވަހުގެ ކުރިން ޢާންމު ކުރައްވާނެކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ޢިމާރާތް ކުރުމުގެ ޤަވާއިދަށް ޚިޔާލު ހޯދުމާ ގުޅޭ މަސައްކަތު ބައްދަލުވުން ފަށްޓަވައި ދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ މުޅިމާލެއަކީ ބޮޑު ކޮންސްޓްރަކްޝަން ސައިޓެއް ކަމަށާއި މިހާރު ހުޅުމާލެވެސް އެފަދަ ގޮތަކަށް ބަދަލުވަމުން އަންނަ ކަމަށެވެ. އެގޮތުން ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ޙާލަތު އޮތީ އެއްމެ ރަނގަޅަށް ނޫން ކަމަށާއި، އެތަންތަނުގައި ޢާންމުންނަށާއި ސައިޓުގައި މަަސައްކަތް ކުރާ މުވައްޒަފުންގެ ރައްކާތެރިކަމުގެ ފެންވަރު ވެސް ހުންނަނީ އެންމެ ރަނގަޅަށް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ދެން މުޅި މާލެ. ޚާއްސަކޮށް މާލެ. ހުޅުމާލެ ވެސް މިހާރު ވަމުން އެބަދޭ، ބޮޑު ކޮންސްޓްރަކްޝަން ސައިޓަކަށް. މުޅި މާލެއަކީ ކޮންސްޓްރަކްޝަން ސައިޓެއް. އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ އެތަންތަނުގެ ސޭފްޓީ ހުންނަނީ އެންމެ ރަނގަޅަށް ނޫންކަން." އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، ޢިމާރާތް ކުރުމާގުޅޭ ޤަވާއިދެއް އެކުލަވާލާއިރު ފުންނާބު އުސް ފަންނީ ބޭފުޅުންގެ ޚިޔާލު ހޯދުން މުހިންމު ކަމަށެވެ. އެގޮތުން ސަރުކާރުގެ އެތެރެއަށްވުރެ އަމިއްލަ ގޮތުން މިމަސައްކަތް ކުރައްވާ ބޭފުޅުންގެ ތެރޭގައި، ދާއިރާގެ ތަމްރީނާއި ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ފަންނީ މާހިރުން ގިނަ ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެން ކަމުން އެފަދަ ޤަވާއިދެއް އެކުލަވާލުމުގައި އެފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުން މުހިންމު ކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

"ހަގީގަތުގައި ޕްރައިވެޓް ސެކްޓަރުގައި ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި، އެކިދާއިރާތަކުގައި މަސައްކަތް ކުރައްވަން އެ ތިއްބެވީ މިހާރު ސަރުކާރުގައި މި މަސައްކަތްކުރަން ތިބި މީހުންނަށްވުރެ މާ ފުންނާބު އުސް ބޭފުޅުން." އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، މިކަން ކުރަން ސަރުކާރުތަކުން މަސައްކަތް ކުރާތާ ވަރަށް ޒަމާންވެއްޖެ ކަމަށާއި، ނަމަވެސް ދުވަހަކުވެސް މިކަން ނިންމާލެވިފައި ނުވާކަމަށެވެ. އެހެންކަމުން ކޮންމެސް ހިސާބަކުން އެޤަވާއިދުތައް ނިންމާލަންޖެހޭ ކަމަށާ، މިފަހަރުގެ މަސައްކަތަކީ "ފައިނަލް ކޮންސަލްޓޭޝަން" ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

"އަޅުގަނޑު ބޭނުންވަނީ ފެބުރުއަރީ 15ގެ ކުރިން ޤަވާއިދުތައް ނިންމާފައި ޕަބްލިޝްކުރަން ކުރަން. ވަރަށް ޒަމާންވެއްޖެ މިކަން ކުރަން،ކުރަން ތިބޭތާ. ދުވަހަކުވެސް ނުއެއް ނިމުނު. ކޮންމެސް ހިސާބަކުން އެބަޖެހޭ ނިންމަން. އެހެންވީމާ މިއީ ފައިނަލް ކޮންސަލްޓޭޝަން." އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ، މާލޭގައި މީގެ ކުރިން ޢިމާރާތް ކުރުމުގެ މަސައްކަތް މަދުން ކުރަމުން ދިޔައިރު ރެގިއުލޭޓު ކުރަން ފަސޭހަ ކަމަށެވެ. ނަމަވެސް އެ މަސައްކަތް ފުޅާވެފައި އޮތް މިންވަރުން ރެގިއުލޭޓު ކުރަން މިހާރު ވަރަށް ބޮޑަށް ދަތިވެފައިވަ ކަމަށާއި ޤާނޫނާއި ގަވާޢިދުގެ ތެރެއިން ނޫނީ ދެން އެކަމެއް ނުކުރެވޭނެ ކަމަށެވެ.

މިނިސްޓަރު އަސްލަމް އަދި މިނިސްޓްރީގެ އިސްވެރިން ހިމެނޭހެން ތިން ދުވަހުގެ މުއްދަތަށް މާލޭގައި ކުރިއަށް ގެންދާ ޢިމާރާތް ކުރުމުގެ ޤަވާއިދާގުޅޭ މަސައްކަތު ބައްދަލުވުމައި ކޮންސްޓްރަކްޝަންސް ދާއިރާގައި މަސައްކަތް ކުރައްވާ ގިނަ ފަރާތްތަކަކުން ބައިވެރިވެއެވެ.