ޚަބަރު

އާޓިފިޝަލް އިންޓެލިޖެންސް މަހާސިންތާ ބޭއްވުމުގެ ތައްޔާރީތައް އުކުޅަހުގައި ފަށައިފި


ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ އާޓިފިޝަލް އިންޓެލިޖެންސް މަހާސިންތާ ބޭއްވުމުގެ ތައްޔާރީތައް ވާން ފަށައިފިއެވެ. މި މަހާސިންތާގެ ތައްޔާރީތައް ބައްލަވައިލެއްވުމަށް ޕްރޮފެސަރ ޙަސަން އުގެއިލް ވަނީ އއ. އުކުޅަހަށް ވަޑައިގެންފައެވެ.

ކޮމްޕިއުޓަރ ސައިންސާއި، ހިސާބު ޢިލްމުގެ ދާއިރާއިން މަތީ ތަޢުލީމު ޙާސިލުކުރައްވައިގެން ހުންނެވި ޕްރޮފެސަރ ޙަސަން އުގެއިލްގެ އިސްނެންގެވުމާއެކު ރާއްޖޭގައި ފުރަތަަމަ ފަހަރަށް ބާއްވާ އާޓިފިޝަލް އިންޓެލިޖެންސް މަހާސިންތާއަކީ، އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާ ރާއްޖޭގައި ކުރިއެރުވުމަށް ކުރާ މަސައްކަތެކެވެ. އެގޮތުން މި ކޮންފަރެންސްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 100 ވަރަކަށް މާހިރުން ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ.

އއ. އުކުޅަހަށް ވަޑައިގެން މި ކޮންފަރެންސް ފެށުމަށް ވަމުންދާ ތައްޔާރީތައް ބައްލަވައިލެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި ޕްރޮފެސަރ ޙަސަން އުގެއިލް ވިދާޅުވީ، މިފަދަ ދާއިރާއަކުން ކޮންފަރެންސެއް ރާއްޖޭގައި ނުބޭއްވި މާގިނަދުވަސް ވެއްޖެކަމަށެވެ. ނަތީޖާއެއްގެ ގޮތުން އެހެން ޤައުމުތައް އާޓިފިޝަލް އިންޓެލިޖެންސުން ކުރިއަރައިގެން ދިޔައިރު ރާއްޖެ ފަހަތުގައިވާކަން ޕްރޮފެސަރ އުގެއިލް ފާހަގަކުރެއްވިއެވެ.

ޕްރޮފެސަރ އުގެއިލް ވިދާޅުވީ، ރާއްޖޭގައި އަލަށް ބާއްވާ މި ކޮންފަރެންސް ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކަރުން ފުރިހަމަ އެއްބާރުލުންދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައިވާކަމަށެވެ.

"މިފަދަ ދާއިރާއަކުން ކޮންފަރެންސެއް ރާއްޖޭގައި ނުބޭއްވި މާގިނަދުވަސްވެގެން ގޮސްފި. އަޅުގަނޑުމެން މިފަހަރު 100 ވަރަކަށް ދިރާސާ ކުރަށްވާ މާހިރުން ރާއްޖެވަޑައިގެން ކަރުދާސްތައް ހުށަހެޅުމަށް ހަމަޖެހިފައިވޭ. މި ކޮންފަރެންސުން ރާއްޖެއަށް ވަރަށްވެސް ބޮޑު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އުންމީދުކުރެވޭ." ޕްރޮފެސަރ ޙަސަން އުގެއިލް ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އއ. އުކުޅަހު ކައުންސިލްގެ ރައީސް ޝައުގަތު އިބްރާހިމް ވިދާޅުވީ، މި ކޮންފަރެންސްގެ ސަބަބުން އެރަށަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އުންމީދުކުރަށްވާކަމަށެވެ. އެގޮތުން މިކޮންފަރެންސް ބޭއްވުމަށް ތަރައްޤީކުރަމުންދާ ކޮންވެންޝަން ސެންޓަރަކީ ކުރިއަށް އޮތްތަނުގައި ޓޫރިޒަމް ކޮންފެރެންސް ހިންގައި ރަށަށް މަންފާ ހޯދުމަށް ކޮށިގެންދާގެ ފަހި މެގެއް ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

"މިއީ މިރަށަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް. މިކަމުގެ ސަަބަބުން މި ރަށަށް އެކި ގޮތްގޮތުން ކުރިއެރުންތައް ލިބިގެންދާނެ. ޕްރޮފެސަރ އުގެއިލްގެ މި ދަތުރުފުޅުގައި މި ކޮންފަރެންސްގެ އިންތިޒާމުކުރާނެ ގޮތުގެ އިރުޝާދާއި، ކޮންފަރެންސް ބާއްވާތަނުގައި ހުންނަޖެހޭކަންކަން ކިޔާދެއްވާފައިވަނީ." ޝައުގަތު އިބްރާހިމް ވިދާޅުވިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ މިފަދަ މަހާސިންތާއެއް އުކުޅަހުގައި ބޭއްވުމަކީ އުކުޅަހުގެ ރައްޔިތުންނަށް ލިބޭ ޝަރަފެއްކަމަށް އެރަށު ރައްޔިތުންދެކެއެވެ. އެގޮތުން އެފަރާތްތަކުންވަނީ މި ކޮންފަރެންސް އުކުޅަހުގައި ބާއްވާތީ އެކަމުގެ އުފާ ޕީއެސްއެމް ނިއުސް ޓީމާ ޙިއްޞާކޮށްފައެވެ.

އާޓިފިޝަލް އިންޓަލިޖެންސް (އޭއައި) ރާއްޖޭގައި ކުރިއަރުވުމަށް ބާއްވާ މަހާސިންތާ މި އަހަރުގެ ފަހުކޮޅަށް ތާވަލުކޮށްފައިވާއިރު އޭއައި ޓެކްނޮލޮޖީއިން އުފައްދާ ދިވެހި އަމިއްލަ އުފެއްދުންތަކެއް މަސައްކަތުގެ މާހައުލަށް ނެރެ، ވިޔަފާރިތަކަށް އިންޤިލާބީ ބަދަލެއް ގެނައުމަށް "އާރް އެންޑް ޑީ އާޓިފިޝަލް އިންޓެލިޖެންސް އެކްސެލެރޭޓަރ" ގެ ނަމުގައި ޕްރޮގްރާމެއް ފަށަންވަނީ ތައްޔާރުވެފައެވެ. މި ޕްރޮގްރާމަކީ ޕްރޮފެސަރު ހަސަން އުގައިލް ފައުންޑޭޝަނާއި މޯލްޑިވްސް އޯޕަން ސޯސް ސޮސައިޓީން ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.