ޚަބަރު

ޕީޕީއެމްގެ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވަނީ


ޕީޕީއެމްގެ ކުއްލި ކައުންސިލް ބައްދަލުވުމެއް މިރޭ ބޭއްވުމަށް ކުރީގެ ރައީސް އަދި އެޕާޓީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.

ރައީސް ޔާމީން ޕީޕީއެމްގެ ކައުންސިލް މެންބަރުންނަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ މުހިއްމު މަސައްކަތްތަކެއް ނިންމުމަށް މިރޭ ޕީޕީއެމް ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބާއްވަން ބޭނުންފުޅުވާ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ކައުންސިލްގެ ހުރިހާ ބޭފުޅުންވެސް ބައިވެރިވެލެއްވުމަށް ރައީސް ޔާމީން ވަނީ އެދިވަޑައިގެންފައެވެ.

ޕީޕީއެމްގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ މެންބަރަކު ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ މިރޭ 8:30ގައި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް އޮންނާނެ ކަމަށްބުނެ ސެކްޓަރީ ޖެނެރަލްގެ ފަރާތުން މެސެޖެއް ލިބިފައިވާ ކަމަށެވެ. ސެކްޓަރީ ޖެނެރަލްގެ މަޤާމުގައި ހުންނެވީ މުޙައްމަދު ޙުޞައިން ޝަރީފެވެ. ނަމަވެސް މުޙައްމަދު ޙުޞައިން ޝަރީފް ވަނީ ޕީޕީއެމްއިން ވަކިވެވަޑައިގެން އަލަށް އުފައްދާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީއަށް ސޮއިކުރައްވާފައެވެ.

ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމަކަށް ގޮވާލާފައިވާއިރު ޕީޕީއެމްގެ އިސް ސަފުގައި ތިއްބެވި ގިނަ ބޭފުޅުން ވަނީ އެޕާޓީން ވަކިވެވަޑައިގެން އަލަށް އުފައްދާ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ. އެހެންކަމުން ޕީޕީއެމްގެ ކައުންސިލްގައި މީގެކުރިން ތިއްބެވި ގިނަ ފަރާތްތަކަކަށް މިރޭ ބާއްވާ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައެއް ނުގަނެވޭނެއެވެ.

ކައުންސިލްގައި ހިމެނިވަޑައިގަންނަވާ މެންބަރަކު ވިދާޅުވީ ޕީއެންސީއަށް ސޮއިކުރައްވާފައިވާ މެންބަރުންނަށް މިރޭ ބާއްވާ ޕީޕީއެމް ކައުންސިލްގައި ބައިވެރިނުވެވޭނެ ކަމަށް ރައީސް ޔާމީން ސަރުކާރުގައި ރައީސް އޮފީހުގެ ލީގަލް އެފެއަރޒް މިނިސްޓަރަކަށް ހުންނެވި އައިޝަތު އާޒިމާ ޝަކޫރު ކައުންސިލް މެންބަރުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އަދި އާޒިމާ އެގޮތަށް ވިދާޅުވުމުން އަވަސް އަރުވާލައިގެން ޕީއެންސީއަށް ސޮއި ނުކުރެއްވުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވި ކަމަށްވެސް ޕީޕީއެމްގެ ކައުންސިލްގައި ހިމެނޭ މެންބަރު ވިދާޅުވިއެވެ.

ޕީޕީއެމް ދޫކޮށް ޕީޕަލްސް ނެޝެނަލް ކޮންގްރެސް، ޕީއެންސީގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތްޕުޅު ފައްޓަވާފައިވާ ކަމަށް ކުރީގެ ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. އެ ޕާޓީ އުފެއްދުމުގެ ޖަލްސާގެ ހުއްދަ އަށް އެދި 4،000 މެމްބަރުންގެ ފޯމު ވަނީ އިލެކްޝަންސް ކޮމިޝަނަށް މިހާރު ވަނީ ހުށަހަޅުއްވައިފަ އެވެ.