ޚަބަރު

ސޮއި ހަމަނުވާތީ ދައުރުން ބޭރުގެ ޖަލްސާއެއް ބޭއްވޭ ގޮތް ނުވެފައި


ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިހާތަނަށް ބޭއްވިފައިނުވަނީ، ޖަލްސާ ބޭއްވުމަށް ބޭނުވާ ޢަދަދަށް ސޮއި ނުލިބިގެންކަމަށް ޖޮއިންޓް ޕާލިމަންޓްރީ ގްރޫޕުން ބުނެފިއެވެ.

ދައުރުން ޖަލްސާ ބޭއްވުމަށްޓަކައި 43 މެންބަރުންގެ ސޮއި ބޭނުންވާއިރު މިހާތަނަށް ޖަލްސާ ބޭއްވުމަށް ސޮއިކޮށްފައިވަނީ 22 މެންބަރުންނެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްނުވެ ހުރި މުހިންމު ބައެއް ބިލްތައް ފާސްކުރުމަށް ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް، ސަރުކާރު ކޯލިޝަނުގައި ހިމެނޭ ގުޅިފައިވާ ޕާޓީ ތަކުގެ ލީޑަރުން އެއްބަސްވެވަޑައިގެންފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވެފައިވަނި، މަޖިލިސް މެމްބަރުން ޗުއްޓީއަކަށް ވަޑައިގެންނެވިއިރު، ރައްޔިތުންގެ މަޖިލީހުން ފާސްނުވެ ހުރި މުހިންމު ބައެއް ބިލްތައް ފާސްކުރުމަށް މަޖިލީހުގެ ޖަލްސާއެއް ޖެނުއަރީ މަހުގެތެރޭގައި ބޭއްވޭތޯ ސަރުކާރުގައި ހިމެނޭ ހަތަރު ލީޑަރުން އެއްބަސްވެފައިވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައި ވީނަމަވެސް މަޖިލީހުގެ ޗުއްޓީއާއި ގުޅިގެން ގިނަ މެންބަރުން މާލޭގައި ވަޑައިގެން ނޫޅުއްވާތީ މިހާތަނަށް ވަނީ ޖަލްސާ ބޭއްވޭގޮތް ނުވެފައެވެ. ޖޮއިންޓް ޕާލިމަންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރ ޢަބްދުﷲ ރިޔާޒު ވިދާޅުވީ މިމަހުގެ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ޖަލްސާއެއް ބޭއްވޭތޯ މަސައްކަތްކުރައްވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިދިޔަ މަހު ޗުއްޓީއަށް ވަޑައިގެންނެވިއިރު މަޖިލީހުގެ ތަޅުމުގައި ސަރުކާރުން ބޭނުންވާ މުހިންމު ބިލްތަކެއް ހުރެ ފާސް ނުކުރެވުމާއި ގުޅިގެން ޖޮއިންޓް ޕާލިމަންޓްރީ ގްރޫޕްގެ މެންބަރުންގެ މެދުގައި ވަނީ ޚިޔާލު ތަފާތުވުން އުފެދިފައެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބާއްވާ ޖަލްސާ އަންނަ މަހުގެ 7 ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ.