ޚަބަރު

ލާމަރުކަޒީ ޤާނޫނު އިސްލާޙުކުރަން ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި


ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތައް ބާރުވެރިކޮށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ބަދަލު ގެނައުމަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ކައުންސިލްތަކަށް ހުޅުވާލައިފިއެވެ.

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ވިދާޅުވީ މިސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަަޢުދުތަކުގެ ތެރޭގައި ހިމެނޭގޮތަށް ކައުންސިލްތައް ބާރުވެރި ކުރުމަށްޓަކައި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ކައުންސިލްތަކަށް ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ޤާނޫނު ތަންފީޒުކުރުމުގައި ކައުންސިލްތަކަށް ކުރިމަަތިވާ ދަތިތަކަކީ ކޮބައިކަމާއި، އެފަދަ ދަތިތަކަކީ އިސްލާޙު ގެނެސްގެން ޙައްލުކުރެވިދާނެ ދަތިތަކެއްނަމަ، ޤާނޫނު އިސްލާޙުކުރުމަށް ފެންނަގޮތެއް ހުށަހެޅުމުގެ ފުރުޞަތު ބުދަދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށްވެސް އެލްޖީއޭއިން ވިދާޅުވެއެވެ.

މިކަމާ ގުޅޭގޮތުން އެލްޖީއޭއިން ވިދާޅުވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ރާވާފައިވަނީ، ސަރުކާރުގެ ކަމާބެހޭ ވުޒާރަތަކާއި، ލޯކަލް ކައުންސިލްތަކާއި، އަމިއްލަ ޖަމްޢިއްޔާތަކާއި އެނޫންވެސް ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކޮށް އެފަރާތްތަކުގެ ޚިޔާލް ހޯދައި ރައްޔިތުންގެ ޙިޔާލުވެސް ހޯދުމަށްފަހު ކަމަށެވެ.

މީގެ އިތުރުން ލާމަރުކަޒީ ޤާނޫނަށް އިސްލާހު ގެނައުމަށްޓަކައި އެކަމާއި ގުޅުންހުރި ބިލެއްގެ ދެލިކޮޕީ އެކުލަވާލައި އެބިލުގެ ދެލިކޮޕީއާމެދު ކަމާގުޅުންހުރި އިދާރާތަކާއި ރައްޔިތުންގެ ޙިޔާލާއި މަޝްވަރާ ހޯދުމަށްފަހު އިތުރަށް ފުރިހަމަކަން ގެނައުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށާއި ބަންޑާރަ ނާއިބުގެ އޮފީހަށް ހުށަހަޅާނެކަމަށްވެސް އެފަރާތުން ވިދާޅުވެއެވެ.

ލާމަރުކަޒީ ދާއިރާތައް ބާރުވެރި ކުރުވުމަށް ޙިޔާލު ހުށަހެޅުމުގެ ފުރުސަތު ލޯކަލް ގަވަމަންޓް އޮތޯރިޓީން ކައުންސިލުތަކަށް ހުޅުވާލާފައިވާއިރު ލާމަރުކަޒީ ޤާނޫނުގެ ތެރެއިން ކައުންސިލުތަކަށް ފުރިހަމަ ބާރުތައް ދިނުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނޭ ވަައުދުކެވެ.