ވިޔަފާރި

ތިމަރަފުށީ އެއަރޕޯޓަށް ރޭގަނޑު ދަތުރުތައް ފަށަނީ


ތ. ތިމަރަފުށީ އެއަރޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމަށް އައިލެންޑް އޭވިއޭޝަނުން ތައްޔާރުވެއްޖެއެވެ.

ތިމަރަފުށީ އެއަރޕޯޓަށް ރޭގަނޑު އުދުހުންތައް ރަސްމީކޮށް ފެށުން އޮންނާނީ މާދަމާ ބާއްވާ ރަސްމިއްޔާތެއްގައެވެ. ތިމަރަފުށީ އެއަރޕޯޓަށް ރޭގަނޑު އުދުހުންތައް ބޭއްވުމުގެ ހުއްދަ އައިލެންޑް އޭވިއޭޝަނަށް ދީފައިވާއިރު، ރަންވޭގައި ލައިޓް ހަރުކޮށް ވަނީ ނިމިފައެވެ.

ތިމަރަފުށީ އެއަރޕޯރޓަށް ރޭގަނޑު ފްލައިޓް ޖެއްސުމާއި ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އައިލޭންޑް އޭވިއޭޝަންގެ ކޮމިއުނިކޭޝަންސް މެނޭޖަރ މޫސާ ވަސީމް ވިދާޅުވީ، ތ އަތޮޅުގައި މިހާރު ގެސްޓް ހައުސްފަދަ ފަތުރުވެރިކަމާއި ގުޅުން ހުރި ވިޔަފާރިތައް ކުރި އަރަމުން އަންނަ ކަމަށާއި، ރާއްޖޭގައި ފަތުރުވެރިކަން ފުޅާ ކުރުމަށް އައިލޭންޑް އޭވިއޭޝަނުން ވަރަށް ބޮޑަށް އިސްކަން ދޭކަމަށެވެ.

ތ.ތިމަރަފުށީ އެއަރޕޯރޓް ރަސްމީކޮށް ހުޅުވާފައިވަނީ 2013 ވަނަ އަހަރެވެ. މި އެއަރޕޯރޓް ތަރައްޤީ ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާއި ޙަވާލު ކޮށްގެންނެވެ. މިއީ ތ.އަތޮޅުގައި މިވަގުތު އޮޕަރޭޓް ކުރަމުން އަންނަ ހަމައެކަނި އެއަރޕޯރޓެވެ.