ޚަބަރު

ޕްރީމެޑިސިންގ އާއި އެފެންވަރުގެ ސެޓްފިކެޓްތައް ޤަބޫލްކުރުން ހުއްޓާލަން މެޑިކަލް ކައުންސިލުން ނިންމައިފި


އެމް.ބީ.ބީ.އެސް އާއި ބީ.ޑީ.އެސް ހެދުމަށް ބޭނުންވާ ތަޢުލީމީ ފާސްތަކުގެ ތެރޭގައި ހިމަނާފައިވާ ޕްރީމެޑިސިންގ އާއި އެފެންވަރުގެ ސެޓްފިކެޓްތައް ޤަބޫލްކުރުން ހުއްޓާލުމަށް މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ނިންމައިފިއެވެ.

މިގޮތަށް ނިންމި ނަމަވެސް، ޕްރީމެޑިސިން ހެދުމަށްފަހު މެޑިސިންގ އާއި ޑެންޓިސްޓްރީ މިހާރު ކިޔަވަމުންދާ ފަރާތްތަކާއި 14 ޖަނަވަރީ 2019 ގެ ކުރިން ޕްރީމެޑިސިން ނިންމާފައި، މެޑިކަލް/ޑެންޓަލް ކޮލެޖަކުން ޖާގަ ހޯދަމުންދާ ފަރާތްތަކުގެ އިތުރުން 14 ޖަނަވަރީ 2019 ގެ ކުރިން ޕްރީމެޑިސިން ހަދަމުންދާ ފަރާތްތަކާއި 2019 ވަނަ އަހަރުގެ ތެރޭގައި ހިންގާ ޕްރީމެޑިސިންގ ޕްރޮގްރާމަކުގެ ތެރެއިން، 14 ޖަނަވަރީ 2019 ވަނަ ދުވަހުގެ ކުރިން ޖާގަ ލިބި ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ސެޓްފިކެޓް ޤަބޫލު ކުރަން ނިންމާފައިވާ ކަން މެޑިކަލް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފާއިތުވި ދުވަސްތަކަށް ބަލާއިރު، މިފަދަ ކޯސްތައް ބައެއް ޤައުމުތަކުގައި ފަރުމާކުރެވިފައިވާ ގޮތުން ދަރިވަރުންގެ ތައުލީމީ ފެންވަރު ދަށްވަމުން ދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެއް އަހަރު ދުވަހުގެ ޕްރޮގްރާމްތަކުގެ ނަމުގައި ހަމަސްދުވަހުގެ ޕްރޮގްރާމްތައްވެސް ހިންގާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް މި ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޖީ.ސީ.އީ އޭލެވެލްގެ ބަދަލުގައި، އެއްއަހަރު ދުވަހުގެ ޕްރީ މެޑިސިންގ ޕްރޮގްރާމެއް ނިންމިނަމަވެސް، ދުނިޔޭގެ މަޝްހޫރު ގިނަ ޔުނިވަރސިޓީ ތަކުން، އެމް.ބީ.ބީ.އެސް އާއި ބީ.ޑީ.އެސް އަށް ވަނުމަށް ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަ ނުވާކަމަށްވެސް އެ ބަޔާނުގައި ވެއެވެ. އަދި ދިވެހި ދަރިވަރުންނަށް އަމާޒުކޮށްގެން ޕްރީ މެޑިސިން ކޯސްތަކެއް ރާއްޖެއިން ބޭރުގައި ހިންގަން ފަށާފައިވާއިރު އެކޯސްތަކުން، ދިވެހި ދަރިވަރުންނަށް ނަފުސާނީ ގޮތުންނާއި މާލީގޮތުން ގެއްލުން ލިބޭކަމުގެ ޝަކުވާތައްވެސް އެ ކައުންސިލަށް ހުށަހަޅާފައިވާކަން މި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.