ޓުއަރިޒަމް

ނިންމޭނެކަމުގެ ޔަޤީންކަންއޮތް 30 ރަށެއްގެ މަސައްކަތް ކުރިއަށް


ރިޒޯޓް ހެދުމަށް ދޫކޮށް، އެކަށީގެންވާ މިންވަރަށް މަސައްކަތްކުރިޔަށް ނުގެންގޮސް ގިނަޒަމާންވެފައިވާ، ބައެއް ރަށްތައް ސަރުކާރަށް ނަގަމުންދިޔަ ނަމަވެސް ހަދާ ނިންމޭނެކަމުގެ ޔަޤީންކަންއޮތް ތިރީސްރަށެއްގެ މަސައްކަތް މިހާރުވެސް ކުރިޔަށްދާކަމަށް ޓުއަރިޒަމް މިނިސްޓަރ އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.މިނިސްޓަރ އަދީބު މިހެން ވިދާޅުވީ މިހާރު ރިޒޯޓެއްގެ ގޮތުގައި ތަރައްޤީކުރަމުންދާ ފާދިއްޕޮޅު ހުރަވަޅި ތަރައްޤީކުރުމުގެ މަސައްކަތް  ހިނގަމުންދާގޮތް ބައްލަވާލެއްވުމަށްއެރަށަށް ކުރެއްވި ދަތުރުފުޅެއްގެ ތެރޭން މީޑިޔާއަށް މައުލޫމާތުދެއްވަމުންނެވެ.މިނިސްޓަރ އަދީބު ވިދާޅުވީ އަހަރަކު ދިހަ ރިޒޯޓް ހުޅުވުމަކީ ސަރުކާރުގެ އަމާޒެއްކަމަށާ، އެހެންކަމުން އިންވެސްޓަރުންނަށްވެސް ހިއްވަރުދީގެން މި އަމާޒަށް ވާޞިލްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ.ޓޫރިޒަމް މިނިސްޓަރ ވިދާޅުވީ ރިޒޯޓް ހެދުމަށް ރަށްދޫކުރުމަށްފަހު އެއްވެސް މަސައްކަތެއް ނުކޮށް އެތައް ޒަމާންތަކެއް ހޭދަވެފައިވާ ރަށްރަށްވެސް އެބަހުރިކަމަށާ، އެކަށީގެންވާގޮތަށް މަސައްކަތްކުރިޔަށް ނުގޮސްގެން އެގްރިމެންޓް ބާޠިލްކޮށްފައިވާ ރަށްރަށަކީ މިގޮތަށް އެއްވެސް މަސައްކަތެއް ނުހިނގާ ހުރި ރަށްރަށްކަމަށެވެ.