ވިޔަފާރި

ހޮޓެލިއަރ މޯލްޑިވްސްގެ ޖީއެމް ފޯރަމް އޭޕްރިލް މަހު ބާއްވަނީ


ހޮޓެލިއަރ މޯލްޑިވްސްއިން އިންތިޒާމް ކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ޖީއެމް ފޯރަމްގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި ފޯރަމަކީ ރާއްޖޭގެ ރިސޯޓުތަކުގައި ޖެނެރަލް މެނޭޖަރުންގެ މަޤާމުގައި މަސައްކަތްކުރާ މީހުނަށް އަމާޒު ކޮށްގެން ކުރިއަށް ގެންދާ އެއް ދުވަހުގެ ފޯރަމެއް ކަމަށް ހޮޓެލިއަރ މޯލްޑިވްސްއިން ބުނެއެވެ. މިއަހަރުގެ ޖީއެމް ފޯރަމް، އޭޕްރިލް މަހުގެ 3 ވަނަ ދުވަހު، ބަނޑޮސް އައިލެންޑް ރިސޯޓުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މިހިނގާ ޖެނުއަރީމަހުގެ ނިޔަލަށް މި ފޯރަމްގައި ރަޖިސްޓަރވުމުގެ ފުރުޞަތުވަނީ ހުޅުވާލާފައެވެ.

ހޮޓެލިއަރ މޯލްޑިވްސްއިން ބުނީ، މި ފޯރަމްގެ މަޤްޞަދަކީ ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުންނަށް އެއް ތަނަކުން ބައްދަލުވެ، ފަތުރުވެރިކަމުގެ ދާއިރާގައި ހުރި މައްސަލަތައް ފާހަގަކޮށް އެކަންކަމަށް ޙައްލު ހޯދުން ކަމަށެވެ. އަދި މި ފޯރަމްގައި، ފަތުރުވެރިކަމުގެ ސިނާޢަތާއި ގުޅުންހުރި މުހިއްމު މައުޟޫތަކަށް އަލިއަޅުވާލައި، މަޝްވަރާތަށް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ ފޯރަމްގައި ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، މި ދާއިރާގައި މަސައްކަތްކުރާ އަންހެނުންނަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމުގެ ބައްދަލުވުންތަކެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

ސައުތު އޭޝިއާ ފޯރ މެރިއެޓް އިންޓަރނޭޝަނަލްގެ ފަރާތުން ހަރްވިރެންދަރް ޕަލް ސިންގފަދަ ބޭފުޅުން މި ފޯރަމްގައި ކީނޯޓް ސްޕީކަރުންގެ ގޮތުގައި ޙަރަކާތްތެރިވާނެއެވެ.

ޖީއެމް ފޯރަމަކީ ހޮޓެލިއަރ މޯލްޑިވްސްއިން 2016ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ފޯރަމެކެވެ.