ވިޔަފާރި

މަޓީގެ އަހަރީ ޢާއްމު ޖަލްސާ މިމަހު 21 ވަނަ ދުވަހު


މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ، މަޓީގެ 29 ވަނަ އަހަރީ އާންމު ޖަލްސާ އަންނަ ހަފްތާގެ ހޯމަ ދުވަހު ބާއްވަން ނިންމައިފިއެވެ.

ކޮންމެ އަހަރަކު ވެސް މަޓީން ކުރިއަށްގެންދާ އަހަރީ އާންމު ޖަލްސާއަކީ އެޖަމުޢިއްޔާގެ ކުރިއަށް އޮތް ދައުރުގެ ބޯޑް މެމްބަރުން އިންތިޚާބުކުރުމާއި އެޖަމުއިއްޔާގެ މަސައްކަތްތަކާއި ގުޅޭ ގޮތުން މެމްބަރުންނާއި މަޝްވަރާކޮށް މަޢުލޫމާތު ހިއްސާކުރުމަށް ބާއްވާ ޖަލްސާއެކެވެ.
މަޓީގެ މިއަހަރުގެ ޖަލްސާ މިމަހުގެ 21 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާއިރު މި ޖަލްސާގެ ތެރެއިން މަޓީގެ ބޯޑަށް މެމްބަރުން އައްޔަންކުރެވިގެންދާނެއެވެ.

މަޓީގެ ބޯޑު މެމްބަރުކަމަށް ކޮންމެ ދައުރަކު 15 ބޭފުޅުން އައްޔަންކުރާއިރު މިހާރު އެ ޖަމުޢިއްޔާގެ ޗެއާރމަނަކީ މިދިޔަ ފަސް އަހަރުވެސް އެޖަމުޢިއްޔާގެ ޗެއަރމަންކަން ކުރެއްވި ޔުނިވާރސަލް އެންޓަރޕްރައިސެސްގެ ޗެއާރމަން މުހައްމަދު އުމަރު މަނިކުއެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ، މަޓީ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި މަދު ވިޔަފާރިވެރިންގެ މަސައްކަތާއިއެކު 1982 ވަނަ އަހަރު ވުޖޫދަށް ގެނައި ޖަމުއިއްޔާއެކެވެ. ފާއިތުވި އަހަރުތަކުގައި މަޓީގެ މަސައްކަތާއެކު ރިސޯޓުތައް ތަރައްޤީވެ ރިސޯޓު ވިޔަފާރި ފުޅާކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ވަނީ ލިބިފައެވެ.