ޚަބަރު

ނެއިބަރހުޑް ސަޕޯޓު އޮފިސަރުން އިސްރަށްވެހިންނާއިއެކު ޙާއްސަ ފޯރަމެއް ބާއްވައިފި


ނެއިބަރހުޑް ސަޕޯޓު އޮފިސަރުން އިސްރަށްވެހިންނާއި ބައްދަލުކުރުމަށް ޚާއްސަ ފޯރަމެއް ބާއްވައިފިއެވެ. އިސްކަންދަރު ބިލްޑިންގގައި ބޭއްވި މި ފޯރަމް ފައްޓަވައިދެއްވީ އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދެވެ.

މި ފޯރަމްގެ ތެރެއިން އިސްރަށްވެހިންގެ ޚިޔާލާއި ތަޖުރިބާ އަދި ފުލުހުންގެ މަސައްކަތްތަކާއިމެދު އިސްރަށްވެހިންގެ އުންމީދުތައް އަޑުއަހައި މަޝްވަރާ ހޯދާފައިވައިކަމަށް ފުލުހުން ބުންޏެވެ. އަދި ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ހޯދުމާއި، ނަފްސާއި މުދަލާއި ގެދޮރުގެ ރައްކާތެރިކަން ހޯދުމާއި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން ކުށް މަދުކުރުމަށް ކުރެވޭ މަސައްކަތްތަކާއި އަދި ފުލުހުންނާ މުޖްތަމަޢުއާއި އޮންނަ ގުޅުން ބަދަހި ކުރުމަށް މަސައްކަތްކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މިފޯރަމްގައި އިސްރަށްވެހިންގެ ޚިޔާލު ހޯދާފައިވާކަމަށް ފުލުހުން ބުނެއެވެ.

ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ފުލުހުންނާ ގުޅުންހުރި ވަޢުދުތަކުގެ ތެރެއިން، ފުލުހުންގެ ހިންގުން ހަރުދަނާ ކުރުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބޭއްވި މިފޯރަމްގައި، އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި، ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި، މާލެ ހިމެނޭ ސަރަޙައްދުގެ 8 ނެއިބަރހުޑުން 35 މެންބަރުން ބައިވެރިވެފައިވެއެވެ.

މިދިޔަ އަހަރު މާލޭގައި ތަޢާރަފްކުރި ފުލުހުންގެ ނެއިބާރހުޑް ސަޕޯޓް އޮފިސަރުންގެ ޚިދުމަތަކީ ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދަތް ދިނުމަށްޓަކައި ފެށި ޚިދުމަތެކެވެ. އެގޮތުން ފުލުހުންގެ ނެއިބަރހުޑް ސަޕޯޓް އޮފިސަރުންނާ އެކިކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމާއި، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އާންމު ރައްޔިތުންނަށް ލިބިގެންދާނެއެވެ.

މި ޚިދުމަތުގެ ދަށުން ކޮންމެ ނެއިބަރހުޑެއްގައި ހުންނަ ފުލުހުންގެ އިސް އޮފިސަރުންގެ ނަމާއި ފޯން ނަންބަރު އެ ސަރަހައްދެއްގައި އުޅޭ ބަޔަކާ ޙިއްޞާ ކުރެވި، ނެއިބާރހުޑް އޮފިސަރުން މަސައްކަތް ކުރާގޮތް އާމުންނާއި ޙިއްޞާ ކުރެވޭނެއެވެ.