ޚަބަރު

ކަލާފާނު ސްކޫލަށް 30 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރަނީ


ކަލާފާނު ސްކޫލަށް 30 އަހަރު ފުރޭ މުނާސަބަތު ފާހަގަކުރުމަށް ޚާއްޞަ ލޯގޯއެއް އިފްތިތާޙްކޮށްފިއެވެ.

މި ލޯގޯ އިފްތިތާޙް ކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީއެވެ. ލޯގޯ އިފްތިތާޙްކުރުމަށްޓަކައި ސްކޫލްގައި ބޭއްވި ހަފްލާގައި ސްކޫލްގެ އިސްވެރިންނާއި ދަރިވަރުންވަނީ ބައިވެރިވެފައިވެ. ކަލަފާނު ސްކޫލަށް 30 އަހަރު ފުރޭ އަހަރާ ގުޅުވައިގެން ގިނަ ހަރަކާތްތަކެއް ހިންގުމަށް އެ ސްކޫލުން ވަނީ ރާވާފައެެވެ.

މިކަމާއި ގުޅޭ މަޢުލޫމާތު ދެއްވަމުން ސްކޫލްގެ ލީޑިންގ ޓީޗަރ ޢަބްދުލް ފައްތާޙް ވިދާޅުވީ މިއަހަރު ދަރިވަރުންނާއި ޓީޗަރުންގެ ކުރިއެރުވުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރުމާއި، ސްކޫލްގެ އުމްރާނީ ތަރައްޤީއާއި، ސްކޫލާއި ގުޅޭ ޑޮކިއުމަންޓްރީއެއް ތައްޔާރުކުރުމާއި، ޚާއްޞަ ލަވައެއް ނެރުމާއި، ސްކޫލްގެ އާ ޔުނިފޯމްވެސް މިއަހަރު ބޭނުންކުރަން ފެށުމަށް ނިންމާފައިވާކަމަށެވެ.

"އެނިވަރސަރީ ޕެރޭޑާއި، ޚާއްސަ ދުވުމަކާއި، މުވައްޒަފުންނަށް ޢަމާޒުކޮށްގެން އުމްރާ ދަތުރެއް ދިނުމާއި، ފެއަރތައް ބޭއްވުމަށް ހަމަޖެހިފައިވޭ. އަދި މި ސްކޫލަކީ ޚާއްސަ އެހީއަށް ބޭނުންވާ ގިނަ ކުދިން ކިޔަވާ ސްކޫލަަކަށްވާތީ އެ ކުދިންނަށްވެސް، މުހިންމު ކަންކަން އެބަހުރި" ޢަބްދުލް ފައްތާޙް ވިދާޅުވިއެވެ.

ކަލާފާނު ސްކޫލްގެ ލީޑިންގ ޓީޗަރ ވިދާޅުވީ އެ ސްކޫލަށް 30 އަހަރު ފުރުން ފާހަގަކުރުމަށް ސްކޫލްގެ މުސްކުޅި ދަރިންވަރުންނާއެކު އެލަމްނައި އެސޯސިއޭޝަނެއް އެކުލަވާލުމަށްވެސް ރާވާފައިވާކަމަށެވެ.

ކަލާފާނު ސްކޫލްގައި ގެންދަނީ ގްރޭޑް އެކަކުން ދިހަޔަކާއި ހަމައަށް ކިޔަވައިދެމުންނެވެ. އެ ސްކޫލްގައި ކިޔަވައިދޭން ފަށާފައިވަނީ 25 ޖުލައި 1989 ގައި ހަމައެކަނި ޕްރައިމަރީ ގްރޭޑްތަކަށް ކިޔަވައިދޭ ސްކޫލެއްގެ ގޮތުގައެވެ.